
ބ. އަތޮޅުގެ ރަށްތައް ވިލުންވެރިކުރުމުގެ މަހާސިންތާ އޭދަފުށީގައި މިއަދު ފަށައިފި އެވެ.
ތިން ދުވަހަށް ކުރިއަށްގެންދާ މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކައުންސިލްތައް ބަލަހައްޓާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފެވެ.
މި މަހާސިންތާގައި ވާހަކަދައްކަވަމުން، އޭނާ ވިދާޅުވީ ކައުންސިލްތައް މިހާރަށްވުރެ ކުރިއަރާނީ މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ ދުރުރާސްތާއަށް ތަރައްގީގެ ޕްލޭނެއް ހާދާއިރު އެންމެ ބޮޑު އިސްކަމެއް ދޭންވީ އުމުރުން ދުވަސްވީ މީހުންނާއި، މުޖުތަމައުއިން އެކި ގޮތްގޮތުން ބާކީވެފައި ތިބޭ ޒުވާނުން ކައުންސިލްތަކުން ކުރާ އެކި ކަހަލަ ކަންކަމުގައި ބައިވެރިވުން އިތުރުކޮށް ނަތީޖާ ނެރުމަށް ކަމަށެވެ.
މި މަހާސިއްތާގައި ވާހަކަދައްކަވަމުން ބ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަފްރާހް ވިދާޅުވީ، ބ. އަތޮޅު ކައުންސިލުގެ ޕްލޭންގައި އެކުލަވާލާފައި ހުރި ކަންކަން ކުރުމަށް ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ. އެގޮތުން ޕްލޭންގައި ވާގޮތަށް އަތޮޅުގެ ކުނީގެ މައްސަލަ ހައްލުކުރުމަށާއި، ކައުންސިލްގެ މާލީ ޙާލަތު ރަނގަޅުކޮށް، ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތައް އޭނާ ފާހަގަކުރެއްވި އެވެ.

މި މަހާސިންތާގައި ބ. އަތޮޅުގެ 12 ރަށަކުން ކައުންސިލްތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ހއ، ށ، ނ މި ތިން އަތޮޅު ކައުންސިލްގެ ރައީސުން ވެސް މި ޕްލޭން ރިވިއުކުރުމުގެ މަހާސިންތާގައި ބައިވެރިވެއެވެ.