ފުޅަދޫގެ ރީތި މުރަކަ ބަގީޗާ ހުދުވާން ފަށައިފި

ބ. ފުޅަދޫގެ ރީތި މުރަކަ ބަގީޗާ ހުދުވާން ފަށައިފައި: ގާ ހުދުވުމުގެ ހާދިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު އޮތީ ދީފައި.– ފޮޓޯ: މެރިން ޖާނަލް މޯލްޑިވްސް

މި ދުވަސްވަރު ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ބ. ފުޅަދޫގެ ރީތި މުރަކަ ބަގީޗާ ހުދުވާން ފަށައިފި އެވެ.

ރާއްޖޭގެ ތިމާވެއްޓާ ކަނޑު އަޑީގެ ދިރުންތަކާ ގުޅޭ ގޮތުން މައުލޫމާތު އެއްކޮށް އެ ދިރާސާކުރުމުގެ މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މެރިން ޖާނަލް މޯލްޑިވްސްއިން ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން މުރަކަ ހުދުވުމުގެ ރިޕޯޓުތައް ލިބެމުން އަންނަކަމަށެވެ.

އެގޮތުން ގާ ހުދުވުމުގެ އަލާމާތްތައް ފުޅަދޫގެ ރީތި މުރަކައިގެ (މޮންޓިޕޯރާ) ބަގީޗާއިން ފެންނަން ފަށާފައިވާ އެ ޖަމިއްޔާއިން ބުންޏެވެ.

ފުޅަދޫ މުރަކައިގެ ބަގީޗާ އަކީ ސްނޯކްލިންއަށް ދާ މީހުންނާއި ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ފަރެކެވެ.

އެ ޖަމިއްޔާއިން ވަނީ މި އަހަރުގެ ފެބްރުއަރީ މަހު 11 ގައި އާއި މިދިޔަ އަންގާރަ ދުވަހު ނަގާފައިވާ ފުޅަދޫގެ މުރަކަ ބަގީޗާގެ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ. އެ ފޮޓޯތަކުން، ފުޅަދޫ ފަރުގައި ގާ ހުދުވެފައި ހުރި މިންވަރު އަޅާކިޔެ އެވެ.

ގާ ހުދުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކު، އާދަޔާ ހިލާފަށް ދުނިޔެ ހޫނުވުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.