
ރޯދަ މަހާ ގުޅުވައިގެން ފޭލި ޖަމިއްޔާއިން ބާއްވާ ގުރުއާން މުބާރާތް މިރޭ ފަށާނެ ކަމަށް ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ9 އިން ބުނެފި އެވެ.
ފޭލިން ބުނީ ހަތް އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ތިންސަތޭކައެއްހާ މީހުން ބައިވެރިވެފައިވާ ކަމަށެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އޮންނަ މި މުބާރާތުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހާ ހަމައަށް ދެމިގެންދާނެ އެވެ.
ފޭލި ޖަމިއްޔާއިން ބުނިގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، ރަމަޟާންމަހަކީ އެމަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރުކަމަށްވާތީއާއި، އެ މައްސަރުގެ ބަރަކާތްތެރިކަމާއި، މާތްކަން އަޅުގަނޑުމެންގެ ޅަދަރިންނަށާއި ބޮޑެތި މީހުންނަށްވެސް އަންގައިދީ، ޅަދަރިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖައްސުވައި އިސްލާމްދީނުގެ ތަރަހަމަތީގައި އެކުދިން ތަރުބިއްޔަތުވުމުގެ ފުރުސަތު ހޯދައިދިނުމުގެ މާތް މަގްސަދުގައެވެ.
މި މުބާރާތަކީ 2002 އިން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ޖަމިއްޔާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އެގޮތުން މިއީ މި މުބާރާތް ބާއްވާ 18 ވަނަ އަހަރެވެ. ކޮވިޑާ ގުޅިގެން ވޭތުވެދިޔަ ތިން އަހަރު މުބާރާތް ބާއްވާފައެއް ނުވެއެވެ.

