“ފަން ރަން” ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫން ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިފައިވާ “ފަން ރަން”ގެ އެޑިޝަންގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

އުރީދޫން ބުނި ގޮތުގައި އެ ދުވުމުގައި ބައިވެރިވުގެ ފުރުސަތު އިތުރުކޮށް އެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލީ ގިނަ ބަޔަކު އެކަމަށް އެދިފައިވުމުންނެވެ.

“ފަން ރަން”ގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދުވުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވާން، މި ހަރަކާތްތައް ކަނޑައަޅާފައިވާ ދެ ކިޓުގެ ތެރެއިން އެއް ކިޓު ގަންނަން ޖެހޭނެ އެވެ. އެ ދެ ކިޓަކީ 100ރ. އަށް ލިބޭ ސްޓޭންޑަޑް ކިޓާއި 200ރ. ގެ ފަން ކިޓެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓް ބޭންޑް ހިމެނޭނެ އެވެ. ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑަކާއި ފޮތި ދަބަސް، އައިނު އަދި ބެންޑެނާއެއް ހިމެނޭނެ އެވެ.

“ފަން ރަން” ގައި ބައިވެރިވެވޭނީ ހަ އަހަރުން މަތީގެ ކުޑަކުދިންނާއި ބޮޑެތި މީހުންނަށެވެ. މިއީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. މިއީ ވަކި ވަގުތަކަށް ނިންމަން ނުޖެހޭ އާއްމުކޮށް ނުދުވާ މީހުންނަށް ވެސް ފަސޭހައިން ނިންމާލެވޭނެ ދުވުމެކެވެ.

މި ހަރަކާތަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުން ޕްރޮމޯޓުކުރުމަށާއި އާއިލާއާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫން ބާއްވާ ދުވުމެކެވެ. ދުވުމުގެ ތެރާގައި މަޖާ ގިނަ ހަރަކާތްތަކާއި ކުލަ ޖެހުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ދާނެ އެވެ.

“ފަން ރަން” އަކީ އުރީދޫން މީގެ ކުރިން ބާއްވަމުން ދިޔަ “ކަލާ ރަން” އަޕްގްރޭޑުކޮށް މިދިޔަ އަހަރު ބާއްވަން ފެށި ދުވުމެވެ. މި ދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި “ފަން ރަން”ގައި 5000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.