
އޭދަފުށި ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތުގެ މިއަދު ހަވީރު އޮންނަ ފައިނަލް މެޗަށް ޓިކެޓް ވިއްކިއިރު ކައުންސިލު އިދާރާގެ މުވައްޒަފުންނަށް ޓިކެޓް ރިޒާވް ކުރުމަށްފަހު އާއްމުނަށް ޓިކެޓް ވިއްކުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކޮންމެ މީހަކަށް 5 ޓިކެޓްގެ މަގުން ވިއްކަން ހަމަޖެހިފައިވާތީ، ޓިކެޓް ލިބޭނެ ކަމުގެ އުންމީދުގައި އިއްޔެ މެންދުރު ގިނަ ބަޔަކު ގަދަ ހޫނުގައި ކައުންސިލު އިދާރާ ކައިރީ ކިއުގައި ތިބިއިރު، ވަކި ހިސާބަކުން ގޮނޑިބަރީގެ ޓިކެޓް ހުސްވެއްޖެކަން ކައުންސިލުން އިއުލާންކުރިއެވެ. ނަމަވެސް ކިއުގައި ތިބި މީހުން ޖަހަމުންދިޔަ ހިސާބުތަކުން، ދަނޑުގެ ޖާގައަށް ބަލާއިރު ޓިކެޓް ހުސްނުވާނެކަން ޔަގީންވިއެވެ.
ފަހުން އެނގުނު ގޮތުގައި، ކައުންސިލްގެ 40 އަށްވުރެ ގިނަ މުވައްޒަފުންނަށް މީހަކަށް ފަސް ޓިކެޓްގެ މަގުން ވަނީ ރިޒާވްކޮށްފައެވެ. މިކަމުގެ ސަބަބުން މެޗް ބެލުމުގެ އަސްލު ފޯރީގައި ކިއުގައި ޖެހުނު ގިނަ ރައްޔިތުންނަށް ވަނީ މާޔޫސްކަން ލިބިފައެވެ.
“މިއީ އިންސާފުވެރި ގޮތެއް ނޫން. އަޅުގަނޑުމެން މިތާ ގަޑިއިރުތަކެއް ވަންދެން މިތިބީ ގަދަ ހޫނުގައި. އެކަމަކު ކައުންސިލް މުވައްޒަފުންނަށް މިހާ ގިނަ ޓިކެޓް ރިޒާވްކޮށްފައި ބެހެއްޓުމަކީ ރަނގަޅުކަމެއް ނޫން،” ކިއުގައި ހުރި ރައްޔިތަކު ބުންޏެވެ.
މިކަމާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އޭދަފުށީ ކައުންސިލަށް ގޮވާލާފައެވެ.