
ކީރިތި ޤުރުއާން ހިތުދަސްކޮށް، ޙާފިޡްކަމުގެ މަތިވެރި ޝަރަފު ހާސިލުކޮށް އެ ކާމިޔާބީއާ އެކު ރަށަށް އައުމުން ބ. އޭދަފުށި، ގާދޫ، ޒާން މުހައްމަދު ޒަމީލަށް، ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.
ޒާން 20، ޙާފިޡްކަމުގެ ސަނަދު ހާސިލުކުރީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. މި ސަނަދު ލިބުމަށްޓަކައި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ޙާފިޡުން އިމްތިޙާނުކުރާ ކޮމެޓީއަށް ގުރުއާން އެއްކޮށް ކިޔައިދީ، ވަރަށް ފުރިހަމަ ނަތީޖާއެއް އޭނާ ވަނީ ހާސިލުކޮށްފަ އެވެ.
މިއީ މުޅި އޭދަފުއްޓަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ރަށު ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ ޒާން ހޯދީ މުޅި ރަށަށް ތާރީޚީ ކާމިޔާބެއް ކަމަށާއި، ޒާން އަށްޓަކައި މުޅި ރަށް ފަހުރުވެރިވާ ކަމަށެވެ.
އޭދަފުއްޓަކީ، އޭނާ ވިދާޅުވި ގޮތުގައި، އިލްމީ، އިޖުތިމާއީ އަދި ކުޅިވަރު ކަންކަމުގައި އެ ނަމޫނާ ދައްކާ ރަށެކެވެ.

ޒާން ޤުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އުފެދި، އެ މަސައްކަތް ފަށާފައިވަނީ އުމުރުން އެންމެ 12 އަހަރުގަ އެވެ. މި އަހަރު އޭ ލެވެލް ނިންމި ޒާންގެ މި ކާމިޔާބީއަކީ އޭނާގެ ބުރަ މަސައްކަތާއި، ދީނީ ޢިލްމަށް އޭނާ ދެއްވި އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ. އެގޮތުން ފާއިތުވި ރަމަޟާން މަސްތަކުގައި އޭދަފުށީގައި ދަމު ނަމާދާއި ތަރާވީޙް ނަމާދު އިމާމުވެ ކުރުމުގެ ޝަރަފު އޭނާއަށް ލިބިފައިވެ އެވެ.
މީގެ އިތުރުން ރަށުގައި ބާއްވާ ގުރުއާން މުބާރާތްތަކުން ވެސް ޒާން ވަނީ ފާހަގަކޮށްލެވޭ ވަނަތައް ހާސިލުކޮށްފަ އެވެ.

