
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫނިއަން ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ އެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށް، ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ހައްލުތައް ހަރުދަނާކުރުމަށާއި ޓޫރިޒަމް ކުރިއެރުވުމުގެ މަސައްކަތްތައްކުރަން އެއްބަސްވުމެެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް، ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން، ޔޫނިއަންޕޭ ކާޑު މެންބަރުންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ޕްރޮމޯޓުކުރުމަށް މަސައްކަތް ކުރާނެ އެވެ. އެގޮތުން، ރާއްޖޭގެ ތަފާތު މުހިންމު ކަންކަން ފާހަގަކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން އިތުރު ކުރުމަށް މަސައްކަތް ކުރާނެ އެވެ.
އޭގެ އިތުރުން ވަނީ، ޔޫނިއަންޕޭ އިން ވަނީ ބީއެމްއެލް އަކީ ޔޫނިއަންޕޭ ކާޑުތަކުން ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓް ބޭންކްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. މި ސެޓްލްމެންޓް ފްރޭމްވޯކަކީ ޔޫނިއަންޕޭއާ އެކު މިހާރަށްވުރެ ވަރުގަދަ ގުޅުމެއް ބިނާކުރުމަށް އެޅޭ ބިންގަލަކަށް ވާނެ ކަމަށް ބީއެމްއެލްއިން ސިފަކުރެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މިއީ އެ ބޭންކުގެ ޑިޖިޓަލް ޕޭމަންޓް އިކޯސިސްޓަމް އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެކެވެ. އަދި ޔޫނިއަންޕޭ ކާޑުތަކުން ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓް ބޭންކެއްގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެން ދިއުމަކީ އެ ބޭންކުގެ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ޕޭމަންޓް ސޮލިއުޝަންތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމުގެ ރަމްޒެއް ކަމަށް ވިދާޅުވި އެވެ.
ބޭންކުގެ ކާޑު މެޝިންތަކުންނާއި މާޗަންޓް ޕޯޓަލްގައި ޔޫނިއަންޕޭ ކާޑުތައް މިހާރުވެސް ބަލައިގަނެއެވެ. ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓާކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިން ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެ އެވެ.
ބީއެމްއެލްގެ މާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މާޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުއާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓާކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެ އެވެ.

