އެސްއެމްއީ ބޭންކުން މައިކްރޯ ފައިނޭންސިން އެއް ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެ

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިން އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން ބީއެމްއެލް އިން ތައާރަފުކުރާ “މައިކްރޯ ފައިނޭންސިން” ޕްރޮޑަކްޓުގެ ދަށުން އެއް ލައްކަ ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ގައުމީ ބޭންކުން ބުނީ އެ ފައިނޭންސިންގެ ދަށުން 2.5 ޕަސެންޓު ރޭޓުގައި މާލީ އެހީތެރިކަން ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން މި ފައިނޭންސިން އަގުހެޔޮކޮށް އަދި ދިގު މުއްދަތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ލިބޭނެ އެވެ. ބީއެމްއެލް އިން ބުނި ގޮތުގައި، އެ ފައިނޭންސިންގެ ދަށުން 10 އަހަރާ ހަމައަށް ފައިސާ ދެއްކޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ އެވެ.

އަންނަ މަހު ބީއެމްއެލްގެ ޝަރީއާ ކޮމްޕްލައިންޓް ސަބްސިޑަރީ އެސްއެމްއީ ޑިޖިޓަލް އިން އެ ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެ އެވެ.

އެ ފައިނޭންސިން އަށް އެޕްލިކޭޝަން ފީއެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. ވިޔަފާރިއެއް ފެށުމަށް ނުވަތަ ވިޔަފާރި ކުރިއެރުވުން ފަދަ އެކި ބޭނުންތަކަށް މި ފައިނޭންސިން އެދި ހުށަހެޅޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އިސްލާމިކް ސޯޝަލް ފައިނޭންސިންގައި އިސްނަގައި، ރާއްޖެއަށް މުޅިން އަލަށް އެފަދަ ޕްރޮޑަކްޓެއް ތައާރަފުކުރުމަކީ ލިބޭ ބޮޑު ފަހުރެއް ކަމަށެވެ.

އެ ބޭންކްގެ އަމާޒަކީ ހުރިހާ އެންމެންނަށް ވެސް ފަހި ފުރުސަތުތައް ލިބޭނެ ގޮތަށް މާލީ ނިޒާމު ބައްޓަންކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

“މިއީ އެބައެއްގެ ފުރިހަމަ ޕޮޓެންޝަލް އަށް ވާސިލް ވުމަށާއި ކުދި ވިޔަފާރިތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ހެދުމަށް ކުރެވޭ އިންވެސްޓްމެންޓެއް. މީގެ ސަބަބުން މުޅި ގައުމަށް އޭގެ ފައިދާ ލިބި، ވިލުންތެރި އިގްތިސާދެއް ބިނާކުރުމުގައި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރުމަށް މަގުފަހި ވެގެންދާނެ،” އޭނާ ވިދާޅުވި އެވެ.

އެ ޕްރޮޑަކްޓަކީ އާންމު އުސޫލުގެ ތެރެއިން ބޭންކުތަކުންދޭ ހިދުމަތްތަކަށް ކުރިމަތިނުލެވޭ މީހުންނަށާއި އަލަށް ވިޔަފާރި ފަށާ މީހުންނަށާއި ބޭންކުތަކުން އާންމުކޮށް ފައިނޭންސިން ހިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވާ މީހުންނަށް އަމާޒުކޮށްފައިވާ ފައިނޭންސިންއެކެވެ. އަދި ޝަރީއާ ކޮމްޕްލައިންޓް ހަމަތަކުގެ މަތިން ދޭ އެ ފައިނޭންސިންއާ އެކު، މުޖުމަތައަށް ބޭނުންވާ ތަފާތު އެކި ކަންކަން ފުރިހަމަކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ފަރުދުންނާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.