މައި ކޮލެޖުން ކުޑަކުދިންނަށް ހާއްސަ އިނގިރޭސި ކްލާސްތަކެއް ފަށަނީ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުދިންތަކެއް ކްލާހުގައި. މައި ކޮލެޖުން އޭދަފުށީގަިއ ކުޑަކުދިންނަށް ހާއްސަ އިނގިރޭސި ޕްރޮގްރާމެއް ފަށްނ ދަނީ ތައްޔާރުވަމުން  | އީޓީ ފައިލް ފޮޓޯ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުދިންތަކެއް ކްލާހުގައި. މައި ކޮލެޖުން އޭދަފުށީގަިއ ކުޑަކުދިންނަށް ހާއްސަ އިނގިރޭސި ޕްރޮގްރާމެއް ފަށްނ ދަނީ ތައްޔާރުވަމުން | އީޓީ ފައިލް ފޮޓޯ

ކުޑަކުދިން އިނގިރޭސި ބަހަށް އަހުލުވެރިކުރުވަން “އިންގްލިޝް ފޯ ޔަންގް ލާނާސް” ގެ ނަމުގައި މައި ކޮލެޖުން އޭދަފުށީގައި ހާއްސަ ޕްރޮގްރާމެއް ފަށާގޮތަށް ހަމަޖައްސައިފި އެވެ.

މައި ކޮލެޖު އޭދަފުށީ އައުޓް ރީޗް ސެންޓަރުގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 30 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ނުވަ މަސްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމުގައި ކިޔަވައިދޭނީ ހަފްތާއަކު 3 ގަޑިއިރު އެވެ. ކޯސް ފީއަކީ މަހަކު 500ރ އެވެ. މީގެ އިތުރުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 200ރ އަދި އިމްތިހާނުގައި ބައިވެރިވުމަށް 500ރ ދައްކަން ޖެހެ އެވެ.

މައި ކޮލެޖު އޭދަފުށީ އައުޓް ރީޗް ސެންޓަރުގެ ކޯޑިނޭޓަރު އިފާޝާ އަބްދުއްރަހީމް ވިދާޅުވީ “ޔަންގް ލާނާސް އިންގިލިސް ޕްރޮގްރާމު” ގައި ބައިވެރިވާ ކުދިންނަށް އެ ކޮލެޖުގެ އެކްޓިވިޓީ ޔުނިފޯމް ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ.

މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ އިފާޝާ ވިދާޅުވިގޮތުގައި އުމުރުން 6 އަހަރާއި 8 އަހަރު އަދި 8 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށެވެ. މައި ކޮލެޖުގެ މި ޕްރޮގްރާމުގައި ބައިވެރިވާން 9692244 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.

މައި ކޮލެޖު އޭދަފުށީ އައުޓް ރިޗު ސެންޓަރުން ބުނީ ބޮޑެތި މީހުންނަށް އަމާޒުކޮށްގެން އިނގިރޭސި ބަސް ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއްވެސް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް