އޭދަފުށީގައި ކުނި އެންދުން ހުއްޓާލަނީ

އޭދަފުށީގެ މަތިން ނަގާފައިވާ ފޮތޯއެއް- ފޮޓޯ/ ރާއިފް ޔޫސުފް

ބ. އޭދަފުށީގައި ހާމައަށް ކުނި އެންދުން ހުއްޓާލުމަށްޓަކައި މިރަށު ކައުންސިލުން ތައްޔާރުވާން ފަށައިފި އެވެ.

މި މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ފެށި، އޭދަފުށީގައި ހާމައަށް ކުނި އެންދުން މުޅިން ހުއްޓާލެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙު ވިދާޅުވި ގޮތުގައި، ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންދަނީ ސޮނެވާ ނަމޫނާގެ އެހީތެރިކަމާއެކު ކަމަށެވެ. މި މުހިންމު މަސައްކަތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށާއި މައުލޫމާތު ދިނުމަށް ރައްޔިތުންނަށް ހާއްސަ ބައްދަލުވުމެއް މިރޭ 8:30 ގައި މަލްޓިޕާޕަސް ހޯލުގައި ބާއްވާނެ ކަމަށްވެސް ރައީސް ފާތިޙު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު، ހާއްސަކޮށް އަންހެންވެރިން ބައިވެރިވުމަކީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

“ނަމޫނާ ބ. އަތޮޅު” ގެ ނަމުގައި ސޮނެވާ ނަމޫނާގެ އެހީތެރިކަމާއެކު ބ. އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ ހާމައަށް ކުނި އެންދުން ހުއްޓާލާފަ އެވެ.

ހާމައަށް ކުނި އެންދުމަކީ އެކަމުގެ ސަބަބުން ސިއްހަތަށާއި ތިމާވެއްޓަށް އަދި ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. މިގޮތުން، މި ރަށްރަށުގައި ހާމައަށް ކުނި އެންދުން ހުއްޓާލުމުގެ ގޮތުން “އީކޯ-ސެންޓްރޯ” ތައް ގާއިމްކުރެވި، މި ސެންޓަރުތަކުގައި އެ ރަށްރަށުން އުފައްދާ ކުނި ޖަމާކޮށް، ރީސައިކަލް ކުރުމާއި އަދި ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި އަލުން ބޭނުންކުރެވޭނެ ނިޒާމެއް ހަމަޖެހިގެންދާނެ އެވެ. މިކަމުގެ ސަބަބުން ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.