
އެއްވަނަ ޑިވިޝަނުގައި 16 އަހަރު ފަހުން ކުޅޭ މުހައްމަދު ފާސިރު (ފާއްޓޭ) އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ވެސް ލަނޑު ޖަހައި، ނިއުރޭޑިއަންޓް މޮޅު ކޮށްދީފި އެވެ.
ވެލެންސިއާއާ ދެކޮޅަށް މިއަދު ކުޅުނު ދިރާގު ދިވެހި ޕްރިމިއާ ލީގު މެޗުގައި ނިއު މޮޅުވީ 3-1 އިންނެވެ.
ފާއްޓޭގެ ކޮއްކޮ އަލީ ފާސިރު (ސެންޓޭ)ގެ ކެޕްޓަންކަމުގައި ކުޅޭ ނިއުގެ ބެންޗުން ދެވަނަ ހާފަށް ކުޅެން އަރައި އޭނާ ވަނީ ފަސް މިނިޓު ތެރޭ ގޯލު ޖަހައިފަ އެވެ.
ފުރަތަމަ ހާފުގައި ނިއު ވަނީ 43 ވަނަ މިނިޓިގައި ގުއިލާމޭ ޑަ ސިލްވާގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ލީޑު ފުޅާ ކުރީ ފާއްޓޭގެ ގޯލުންނެވެ.
ވެލެންސިއާ އިން 58 ވަނަ މިނިޓުގައި އައިދު މުހައްމަދު ޖަވީޒްގެ ގޯަލަކުން ފަރަގު ކުޑަ ކުރި ނަމަވެސް، 74 ވަނަ މިނިޓުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ވަނީ ނިއުގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ.
ފާއްޓޭ އެންމެ ފުރަތަމަ އެއްވަނަ ޑިވިޝަންގައި ކުޅުނީ 2006 ގައި ކްލަބް އީގަލްސް އަށެވެ. އެއަށް ފަހު 2008 ގައި ކްލަބް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއެކު އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވެ، 2009 ގެ ދިވެހި ލީގުގައި އޭނާ ކުޅުނެވެ.
އެ އަހަރު ދިވެހި ލީގުގައި ފާއްޓޭ ވަނީ އޭވައިއެލް އަށް ފަސް ގޯލު ޖަހައިދީފަ އެވެ. އަދި އެ އަހަރު އެންމެ ފުރަތަމަ ލަނޑު ޖެހީ ވެސް ވެލެންސިއާ ކޮޅަށެވެ. ނަމަވެސް އެ މެޗުން އޭވައިއެލް ވަނީ 3-1 އިން ބަލިވެފަ އެވެ. ވެލެންސިއާ އާ ކުޅުނު ދެ މެޗުގައި ވެސް ގޯލު ޖެހުމުގެ އިތުރުން އޭނާ ވަނީ ކަޅައިދޫ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބާއި މާޒިޔާ އަދި ނިއު ރޭޑިއަންޓް ކޮޅަށް ވެސް ގޯލު ޖަހައިފަ އެވެ.
މީގެ ތެރޭން ވެސް، މާޒިޔާ އަތުން 1-0 އިން ބަލިވާން ދަނިކޮށް މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ނަތީޖާ އެއްވަރުކުރަން ބައިސްކަލް ކިކަކުން ފާއްޓޭ ޖެހި ގޯލަކީ އޭދަފުށީގެ ގިނަ ބަޔަކު ހަނދާން ހުންނަ ހާއްސަ ގޯލެކެވެ.
މިޑް-ސީޒަން ޓްރާންސްފާގައި ފާއްޓޭ ވަނީ މިދިޔަ ހޯމަ ދުވަހު، ނިއު އަށް ކުޅެދޭން އެއްބަސްވެފަ އެވެ. އަދި އޭނާ ނިއު އާ ގުޅުނީ މި ސީޒަންގެ ނިޔަލަށެވެ.
ފާއްޓޭ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އޮތް އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަންގައި، ރާއްޖޭގެ ގައުމީ ޓީމް، މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފަ އެވެ.
އޭވައިއެލް އަށް ކުޅުމަށް ފަހު ލިބުނު އަނިޔާއަކާ ގުޅިގެން ފާއްޓޭ ވަނީ 2021 ވަނަ އަހަރު އަލުން ކްލަބް އީގަލްސް ކުޅެދޭން އެއްބަސް ވެފަ އެވެ. ނަމަވެސް އޭނާއަށް އެ ފަހަރު ޓީމާ ގުޅެވޭ ގޮތެއް ނުވި އެވެ. އޭގެ ފަހުން އޭނާ ވަނީ އެންމެ ފަހުން އޮތް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޖޭޖޭ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ.
