
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުނިޔޭގެ ޑިޖިޓަލް ޕޭމަންޓްސްގެ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެ އަށް މިއަދު ތައާރަފު ކޮށްފި އެވެ.
ވިސާ ކްރެޑިޓުގެ އެންމެ މަތީ ފެންވަރުގެ ކާޑު ތައާރަފުކުރީ ބީއެމްއެލް އާއި ވިސާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް 22 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
އެ ރަސްމިއްޔާތުގައި ކާޑު އިފުތިތާހު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.
ވިސާ އިންފިނިޓް ކާޑު ލިބޭނީ ބީއެމްއެލް އިން ބުނި ގޮތުގައި މަހެއްގެ މައްޗަށް މަދުވެގެން 127،000ރ. ގެ އާމްދަނީއެއް ލިބޭ ކަސްޓަމަރުންނަށެވެ.
ރާއްޖެ އަށް ފުރަތަމަ ފަހަރަށް ބީއެމްއެލްގެ ފަރާތުން މެޓަލް ކާޑެއް ތައާރަފު ކުރުމާ ގުޅިގެން، އެ ބޭންކުން ބުނީ، އެއީ ރާއްޖެ އަށް އެންމެ އީޖާދީ އަދި އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތައް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.
ވިސާ އިންފިނިޓް ކާޑުން ގިނަ ޕްރިވިލެޖްތަކަކާއި ބެނެފިޓްތަކެއް ލިބޭނެ އެވެ. އެގޮތުން ވިސާ އިންފިނިޓް ކާޑު ގެންގުޅޭ މީހުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސް އާއި އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ފަސޭހަ އަދި ފުރިހަމަ ހިދުމަތްތައް ލިބޭނެ އެވެ.
އޭގެ ތެރޭގައި ފާސްޓް ޓްރެކް އިމިގްރޭޝަނާއި “ޕާސަނަލައިޒްޑް މީޓް އެންޑް އެސިސިސްޓް” އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށް ވުރެ ގިނަ ޕްރިމިއަމް ލައުންޖުތަކަށް އެކްސެސް ލިބުން ހިމެނެ އެވެ. އޭގެ އިތުރުން ހާއްސަ އިސްކަމެއް ދޭ ރިޒަވޭޝަން ހިދުމަތްތަކާއި ޝެފް ޓޭބަލް އިވެންޓުތަކާއި އާޓް ޝޯ އަދި ކޮންސެޓުތަކަށް ހާއްސަ ހުއްދަ އަދި ހިލޭ ގޮލްފް ކުޅުމާއި ސްޕާގެ އެންމެ ފުރިހަމަ ހިދުމަތްތަކާއި އެލީޓް ކްލަބް މެމްބާޝިޕް ލިބޭނެ އެވެ. އަދި މުނިފޫހިފިލުވުމަށް ޕްރިމިއަމް ސަބްސްކްރިޕްޝަންތަކާ އެކު ފުޑް ޑެލިވަރީ އާއި އެންމެ ކުރިއަރާފައިވާ އޭއައި އެޕްތަކުގެ ހިދުމަތްތަކާ އެކު، ޑިޖިޓަލް ހިދުމަތްތައް ވެސް ލިބޭނެ އެވެ.
ވިސާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު، އަވަންތި ކޮލަމްބަގެ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.—ފޮޓޯ: ނިޝާން އަލީ| މިހާރު
ވިސާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު، އަވަންތި ކޮލަމްބަގެ ވިދާޅުވީ މި ކާޑުން އެހެން އެއްވެސް ކާޑަކުން ނުލިބޭ ފައިދާ އާއި ބައިނަލްއަގުވާމީ ޕްރިވިލެޖްތަކާއި އަދި ތަފާތު ތަޖުރިބާތަކެއް ލިބޭނެ ކަމަށެވެ.
ރާއްޖޭގެ ފުރަތަމަ މެޓަލް ކާޑު، ވިސާ އިންފިނިޓް ކާޑުން ޕްރިމިއަމް ޑިޖިޓަލް ތަޖުރިބާގެ އާ ބެންޗުމާކެއް ކަނޑައެޅުމަކީ ރާއްޖޭގެ ކަސްޓަމަރުން ވެސް ހާއްސަ ލަގްޒަރީ ހިދުމަތަކަށް ބޭނުންވުން އިތުރުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވާހަކަ ދައްކަވަނީ.— ފޮޓޯ: ނިޝާން އަލީ | މިހާރު
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ ދިވެހި މުޖުތަމައަށް ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ހައްލުތައް ތައާރަފު ކުރުމަށް އެ ބޭންކުން ދޭ އަހުމިއްޔަތު އަލަށް އިފުތިތާހުކުރި ވިސާ ކާޑުން ހާމަކޮށްދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ ލަގްޒަރީ ގިނަ ހިދުމަތްތަކެއް ލިބޭނެ ކާޑެއް ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލްއިން ވިސާއާ އެކު ޕަޓްނާޝިޕް ގާއިމުކޮށް އެންމެ ފުރަތަމަ ވިސާ ކާޑުތައް ރާއްޖެ އަށް ނެރުނީ 2002 ވަނަ އަހަރު އެވެ. އެ ބެންކުން މިދިޔަ އަހަރު، ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑު ވެސް ވަނީ ތައާރަފްކޮށްފަ އެވެ.
