ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނެއޭ ބުނާ ފަދައިން ކާމިޔާބު ކޮންމެ އަންހެނެއްގެ ފަހަތުގައި ފިރިހެނެއްވެސް ހުންނަކަން މިއީ ދުނިޔެ އަޅުގަނޑުމެންނަށް ދައްކަމުންދާ ހަގީގަތެވެ. މިއަދު އަޅުގަޑުމެންގެ މި ދިވެހި ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުހީތަކަށް އަރަމުން މިދަނީ ގޮއިދޫ އަންހެން ކަނބަލުންގެ ހީވާގި ކަމުގެ ވާހަކަ އެވެ. ފިރިހެންނަށް ދޫ ނުކޮށް ރަށުގެ ތަރައްގީ އާއި އާންމު ދިރި އުޅުމުގައިވެސް ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއް ނެތި ކުރަމުންދާ ވާހަކައެވެ.
މަސްވެރިކަމުން ފެށިގެން މަގުތަކުގައި ކޯރު ކޮނުމުގައިވެސް އަންހެން ބޭކަނބަލުން ހަރަކާތްތެރިވާ ވާހަކަ އެވެ. މި އަންހެން ކަނބަލުންގެ ހީވާގި ކަމުގެ ފަހަތުގައި އެކަނބަލުންނަށް ހިތްވަރު ދިނުމަށްޓަކައިވެސް ބަޔަކު އެބަތިއްބެވެ. އާދޭހެވެ. އެއީ އެކަނބަލުންގެ ފިރިންނެވެ. ގޮއިދޫ ފިރިހެނުންނެވެ.
“އަޅުގަނޑުގެ ފިރިމީހާ ހަމަ ވަރަށް އެހީ ތެރިވެދޭ ހުރިހާ ކަމެއްގައިވެސް. އަޅުގަޑުމެން މަސައްކަތަކަށް ދަންޏާ ފިރިމީހާ ކުދިން ބަލާ ދޭނެ. ކައްކާފަ ކާންވެސް ދޭނެ. އެއްވެސްތާކަށް ދިޔުން މަނަލެއް ނުކުރާނެ. ހަމަ ކޮންމެ ކަމެއްގައިވެސް ބައިވެރި ވުމުގެ ފުރުސަތު ލިބޭ،” މިހާރުވެސް މައިލޯ އިންޓަސްކޫލް ވޮލީ މުބާރާތަށް ދަރިފުޅު ގޮވައިން މާލެ ގޮސްހުރި އަންހެނަކު ބުންޏެވެ.
މިއީ ހަމަ ގޮއިދޫ ކޮންމެ އަންހެނަކުވެސް ދޮގު ނުކުރާނެ ހަގީގަތެއް ކަން އެކަނބަލުންގެ ވާހަކަތަކުން އެނގެއެވެ.
“އަޅުގަނޑަށް އެއްދުވަހު ދެވުނު ގޮއިދޫގަ އޮތް ކައިވެންޏަކަށް. ޕާޓީއަށް ކެއްކުމަށް ރަށު ރައްޔިތުން ނުކުތް. ޕާޓީއަށް ތަން ތައްޔާރު ކުރުމާ ކެއްކުމާ ހުރިހާ ކަމެއްގަވެސް ދެބައިމީހުންވެސް އުޅޭ. ޕާޓީ ކުރިއަށް ދިޔަ ވަގުތު ތަށިމަތި ބެލެހެއްޓީ ފިރިހެނުން. ތަށިވެސް ދޮންނަންވެސް ތިބެނީ ފިރިހެނުން. އަޅުގަނޑު ހަމަގައިމުވެސް އަދި އެހެން ރަށަކުން މިކަހަލަ މަންޒަރެއް ނުދެކެން،” ވަރަށްފަހުން ގޮއިދޫއަށް ދިޔަ އެހެން ރަށެއްގެ އަންހެނަކު ބުންޏެވެ.
އާމިރު ވިދާޅުވީ އެރަށުގެ ތަރައްގީ އަށް ކުރާ މަސައްކަތުގައިވެސް އަންހެނުންނާއި ފިރިހެނުން ވަރަށް ޖޯޝާއި ފޯރީ ގައި އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއީ ވަރަށްވެސް އުފާވެރި މަންޒަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ގޮއިދޫ އަންހެނުންވެސް ގަބޫލުކުރާގޮތުގައި ގޮއިދޫގެ ފިރިހެނުންނަކީ އަންހެނުންނަށް ވަރަށް އެހީތެރިވާ ބައެކެވެ.
“އަޅުގަނޑުމެން ވަރަށް ބަލައިގަންނަން އެ ބޭފުޅުންގެ އެހީތެރިކަން.. އެހީތެރިކަން ނުލިބޭނަމަ އަޅުގަނޑުމެންނަށް މިގޮތަށް ކަންކަމުގަ ނުކުމެ ނޫޅެވޭނެ. އެހެރީ މިހާރުވެސް ކަސްރަތުކުރާ ތަނެއް ހަދައިދީފަ. މޫދަށް އެރޭނެ ތަނެއް ހަދައިދީފި. މިހާރު ދެވޭ ކޮންމެ ދުވަހަކު މޫދަށްވެސް. ވަރަށް ޝުކުރު ދަންނަވަން ފިރިހެނުންނަށް، އެހާބޮޑު އެއްބާރުލުމެއް ދޭތީ” ގޮއިދޫން ވާހަކަ ދެއްކި އެހެން އަންހެނަކު ބުންޏެވެ.