ފުލުހުން ކިހާދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދެނީ

ބ. ކިހާދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމު ފެށުމަށް ބޭއްވި ފުރަތަމަ ސެޝަން: ފޮޓޯ ޕޮލިސް
ބ. ކިހާދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމު ފެށުމަށް ބޭއްވި ފުރަތަމަ ސެޝަން: ފޮޓޯ ޕޮލިސް

ބ. ކިހާދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް 83 ދަރިވަރުންނާ އެކު ފަށައިފި އެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ކިހާދޫ ސްކޫލު ގުޅިގެން މި ޕްރޮގްރާމް ކިހާދޫގައި ފެށީ އިއްޔެ އެވެ.

ސްވިމިން ޕްރޮގްރާމު ފައްޓަވައިދެއްވަމުން ބ. އަތޮޅު ކޮމާންޑަރު ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރު އަބްދުﷲ ޚަލީލް ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ހަރުދަނާ ޤާބިލް ކުއްޖަކަށް ވުމަށްޓަކައި ކަންތައްތައް އުނގެނެންޖެހޭނެ ކަމަށެވެ. އެގޮތުން ރާއްޖެ އަކީ އުފެދިފައިވާގޮތުން ވަށައިގެން ކަނޑު އޮންނަ ގައުމަކަށްވީތީ ކޮންމެ ކުއްޖަކީ އެ ކުއްޖެއްގެ އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ފަތަން ކޮންމެހެން އެނގެންޖެހޭ ކުއްޖެއްކަމުގައި ވުމަށް އަޒުމް ކަނޑައެޅުމަށް އަބްދުﷲ ޚަލީލުގެ ވާހަކައިގައި ދަރިވަރުންނަށް ހިތްވަރުދީފައިވެ އެވެ.

ފުލުހުން ބުނީ “އެވްރީ ޗައިލް ސްވިމްސް” ނަމުގައި ފެށި މި ޕްރޮގްރާމުގެ ބޭނުމަކީ ފަތަން ނޭގޭ ކުދިންނަށް ފަތަން ދަސްކޮށްދިނުން ކަމަށެވެ. އަދި ކިހާދޫ ސްކޫލްގައި ކިޔަވާ ދަރިވަރުންނަކީ ފަތަން ދަންނަ އަދި ކުރިމަތިވެދާނޭ ކުއްލި ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށް ތައްޔާރުވެތިބި ދަރިވަރުންތަކެއް ބިނާކުރުމަށާއި، ފުލުހުންގެ މަސައްކަތާމެދު ރައްޔިތުންގެ އިތުބާރު ހޯދައި، އެ ސްކޫލާއި ދަރިވަރުންނާއި ފުލުހުންނާއި މެދުގައި އޮންނަގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމަށް ފުލުހުން ބުންޏެވެ.

ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ކިހާދޫ ސްކޫލުގެ ގްރޭޑް 1-10 ގެ ޖުމްލަ 83 ދަރިވަރުން ބައިވެރިވެ އެވެ.

ކިހާދު ސްކޫލުގެ ބެލެނިވެރިންގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގައި ހަރަކާތްތެރިވަނީ އޭދަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސްވިމިން އިންސްޓްރަކްޓަރެކެވެ.

ފުލުހުންވަނީ ވަރަށް ފަހުން ބ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށްވެސް ފަތަން ދަސްކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް