ދަރަވަންދޫ އެއާޕޯޓް ޓާމިނަލް ޑިޒައިންކުރަން ހަވާލުކޮށްފި

ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތް އީޕޯޗް އެސޯސިއޭޓްސްއާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އީޕޯޗް އެސޯސިއޭޓްސްއާ ހަވާލުކޮށްފައިވަނީ އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސްއެލް) އިންނެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އައިއޭއެސްއެލްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް އެވެ. އަދި އީޕޯޗް އެސޯސިއޭޓްސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުއާވިޔަތު އަބްދުއްސައްތާރު އެވެ.

އައިއޭއެސްއެލްއިން ބުނި ގޮތުގައި މި މަސައްކަތް އީޕޯޗް އެސޯސިއޭޓްސްއާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެއްބަސްވުމުގެ ތަފުސީލް

އީޕޮކް އެސޯސިއޭޓްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ޓާމިނަލް އެކި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތައް ބެލުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި؛

– އެއާޕޯޓުގެ އެރައިވަލް ސަރަހައްދު ބޮޑުކުރެވޭނެ ގޮތްތައް ބެލުން

– ޗެކް އިން އަދި ބެގޭޖު ހެންޑްލިން ހިދުމަތް ޒަމާނީ ކުރުން

– ޓާމިނަލްގެ އެތެރޭގެ އިންޓީރިއާ ބަދަލުކުރުން

– ފަސިންޖަރުންގެ ލައުންޖެއް ހެދުން

– އިތުރު ޑިޕާޗާ ގޭޓުތައް ހެދުން

– އެއާޕޯޓުގެ އޮޕަރޭޝަނަލް އެންޑް ސަޕޯޓަށް ބޭނުންވާ އިތުރު ޖާގަ ހެދުން

– ބޭބީ-ކެއާ ފެސިލިޓީއެއް ހެދުން

– އައުޓްޑޯ އޭރިއާތައް ހެދުން

– ލޭންޑްސްކޭޕިންގެ މަސައްކަތް ކުރުން

މި މަސައްކަތުގެ ދަށުން އެއާޕޯޓުގެ ޓާމިނަލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ރާވާފަ އެވެ. އެގޮތުން އެރައިވަލް ހޯލް ފުޅާކުރުމާއި، ޗެކިން ކައުންޓަރުތައް އިތުރުކުރުން އަދި ބެގޭޖް ބެލްޓްތައް އިތުރުކުރުން ހިމެނެ އެވެ. މީގެ އިތުރުން، ޑިޕާޗާ ހޯލުގައި ކެފޭއެއް ހަދައި ޑިޕާޗަ ގޭޓްތައް އިތުރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ. އައިއޭއެސްއެލްއިން ބުނީ ޑިޒައިން މަސައްކަތް ނިމުމާއެކު އަމަލީ މަސައްކަތް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން އައިލެންޑް އޭވިއޭޝަންއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އޯގަސްޓް މަހު އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ދަރަވަންދޫ އެއާޕޯޓަށް އިންވެސްޓުކޮށްފައިވާ ކުންފުންޏާ އެކު މަޝްވަރާކޮށް، އެ ކުންފުނީގެ އަތުން އެއާޕޯޓު ނަގައި އައިލެންޑް އޭވިއޭޝަނާ އެތަން ހަވާލުކޮށް އަދި ސަރުކާރުން ބޭނުންވާ ފެންވަރަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސް އޭރު ވިދާޅުވެފައިވެ އެވެ.

މީގެ 14 އަހަރު ކުރިން 2012 ގައި ހުޅުވި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހެދި ތަނެކެވެ. އެ އެއާޕޯޓް މިހާރު އޮޕަރޭޓް ކުރަނީ އައިލެންޑް އޭވިއޭޝަނުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.