އުރީދޫގެ ހިއްސާ ވިއްކުން މާދަމާގެ ނިޔަލަށް އިތުރުކޮށްފި

އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ޕްރޮސަޕެކްޓަސް ގައި ބުނެފައި އޮތް ގޮތަށް ފުރަތަމަ ފަހަރަށް ހިއްސާ ވިއްކަން ހުޅުވާލާފައި މުއްދަތުގައި ވިޔަފާރި ކުރެވޭ 20 ދުވަސް ހަމަވާން ޖެހެ އެވެ. އުރީދޫއިން ބުނީ މުއްދަތު މާދަމާގެ ނިޔަލަށް އިތުރު ކުރީ މިމަހުގެ ހަތް ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވާތީ އެވެ.

އެ ދުވަސް ބަންދު ކުރީ މިމަހުގެ ހަވަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި ގުޅިގެން ވޯޓު ގުނުމުގެ ކަންކަން ނުނިމޭތީ އެވެ.

އެ ކުންފުނިން ބުނީ އިންޓަނެޓްގެ މެދުވެރިކޮށް ހިއްސާ ގަތުމަށް އުރީދޫގެ ވެބްސައިޓު ނުވަތަ މޯލްޑިވްސް ސެކިއުރިޓީ ޑެޕޮސިޓްރީގެ ވެބްސައިޓުން ފަސޭހަ ކަމާއި އެކު އެކައުންޓެއް ހުޅުވައިގެން ހިއްސާ ގަތުމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރެވޭނެ ކަމަށެވެ. އަދި ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަލެކްޝަން ޕޮއިންޓުތަކެއް ގާއިމް ކުރެވިފައިވާ ކަމަށެވެ.

ފޯމް ބަލައިގަންނަން ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތައް، އުރީދޫ ބިޒްނަސް ޕާޓްނާ ޝޮޕްތައް، ޕޯސްޓް އޮފީސް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތައް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތަކާއި ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތަށް ހިމެނެއެވެ. ފޯމް މެދުވެރިކޮށް ހިއްސާ ބަލައިގެންނާނެ ތަންތަނުގެ ލިސްޓެއް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު އެވެ.

އިންޓަނެޓް މެދުވެރިކޮށް އޮންލައިންކޮށް ހިއްސާ ގަތުމުގެ ފުރުސަތު މާދަމާރޭ 11:59 ށް ހުޅުވާލެވިފައިވާއިރު އެހެންތަންތަނުން ހިއްސާ ގަނެވޭނީ ފިހާރަ ނުވަތަ އެ އޮފީހެއް ބަންދު ކުރުމާއި ހަމައަށެވެ.

އުރީދޫއިން ފުރަތަމަ ވިއްކަން ނިންމާފައިވަނީ އެ ކުންފުނީގެ 15 ޕަސެންޓަށްވާ 22 މިލިއަން ހިއްސާ އެވެ. ހިއްސާ ގަތުމަށް ހުޅުވާލާފައިވާ މުއްދަތުގައި އެއަށްވުރެ ގިނައިން ހިއްސާ ގަތުމަށް ހުށަހަޅާނަމަ 40 ޕަސެންޓަށްވާ 59 މިލިއަން ހިއްސާ ވިއްކާނެ އެވެ.

އުރީދޫއިން ހިއްސާ ގަންނަ ފަރާތްތަކުން މަދުވެގެން 50 ހިއްސާ ގަންނަން ޖެހެ އެވެ. އުރީދޫގެ ހިއްސާއެއް ވިއްކަނީ 30 ރުފިޔާ އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.