އޭދަފުށިން ދީނީ ތިން ސުވާލު (24)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. ނަމާދަށް ބަންގި ގޮވުމުން ސުންނަތް ނުކޮށް މިސްކިތުގެ ފެންޑާމަތީ ނުވަތަ މިސްކިތް ދޮރުމަތީގައި ބައެއް މީހުން މަޑޫކޮށްގެން ތިބޭ. ސުންނަތް ނަމާދުނުކޮށް މިގޮތަށް ތިބުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި ފަރުޟު ނަމާދުގެ އިހު ސުންނަތާއި ފަހު ސުންނަތް ކުރުމަކީ ކިހާ ދަރުމައާއި ޘަވާބުހުރި ކަމެއްތޯ؟

ޖަވާބު: ރަވާތިބު ސުންނަތުގެ 12 ރަކުއަތަށް ރައްކާތެރިވެއްޖެ މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ލިބޭނެކަމަށް ހަދީޘެއްގައި އޮވޭ. އެއީ ފަތިސް ކުރިން 2، މެންދުރުކުރިން 4، އަދި ފަހުން 2، މަޣުރިބް ފަހުން 2 އަދި އިޝާ ފަހުން 2

ސުންނަތް ކުރުމަކީ ވާޖިބެއް ނޫން ކަމުން ސުންނަތް ނުކޮށްތިބޭ މީހުންނަށް އިންކާރު ކުރެވޭނެ ޖާގަ އެއް ނެތް

2. ނަމާދަށް ސަފުތައް ހަދާއިރު ސަފުތައް ތަރުތީބު ކުރާނީ ކިހިނެއް؟ މިކަމުގައި އިމާމުގެ ދައުރަކީ ކޮބައިތޯ؟
ޖަވާބު: ނަމާދަށް ހަދާ ސަފުތައް ތަރުތީބު ކުރާނީ އިމާމުއާ ދިމާލުން މެދުން ފެށިގެން ދެ ފަރާތަށް ހަމަ ހަމަ ވާ ގޮތަށް ސަފުތައް ތަރުތީބު ކުރުވުމަކީ އިމާމުގެ ޒިންމާއެއް.

3. ރޯދަ ވީއްލާއިރު ކިޔާ ދުއާ ކިޔާނީ ކޮންވަގުތަކު؟ އަދި ރޮދަ ވީއްލާއިރު ކިޔަން އެންމެ ރަނގަޅު ދުއާއަކީ ކޮބައިތޯ؟
ޖަވާބު: ރޯދަ ވީއްލުމުގެ ކުރިން ބޭނުން ދުޢާއެއް ކުރަންވީ. އެއީ ދުއާ އިޖާބަ ކުރައްވާ ވަގުތެއް. ރޯދަ ވީއްލާ ނިމިގެން ކިޔާނީ:
“ذهب الظمأ وابتلت العروق وثبت الأجر إن شاء الله”

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް