ޗެމްޕިއަން އޭދަފުއްޓަށް އުނދަގޫ ފެށުމެއް

ކުޅުދުއްފުއްޓާ އޭދަފުށީ ބައްދަލުކުރި މެޗުގައި އޭދަފުށީ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) ބޯޅަ ހިފައިގެން އަންނަނީ — ފޮޓޯ: ރާއިފް ޔޫސުފް / އީޓީ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި އޭދަފުށިން ލަނޑެއް ޖެހިޔަ ނުދީ ކުޅުދުއްފުށިން ހިފަހައްޓައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ރަސްމީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މިއަދުގެ މެޗު ފަށައިގެން އޭދަފުށިން ވަނީ މޮޅަށް ކުޅެ ކުޅުދުއްފުށީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އަދި ފުރަތަމަ ހާފުގައި އޭދަފުށީ ޓީމުގެ ކެޕްޓަން ޢަބްދުލްމަޖީދު އިބްރާހީމް (މަޖިއްޓޭ) ވަނީ ގޯލެއްވެސް ޖަހާފައެވެ. ނަމަވެސް ރެފްރީ ނިންމީ ގޯލް ޖެހިއިރު މަޖިއްޓޭ ފައުލް ކޮށްފައިވާކަމަށެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން އޭދަފުށީ ޓިމުގެ ޢަލީ ޒުބައިރު އަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކުޅުދުއްފުށީ ޓީމުގެ ކީޕަރު ވަނީ އެ ބޯޅަ މަތަކޮށްފައެވެ. ދެވަނަ ހާފުގައި ކުޅުދުއްފުށީ ޓީމުންވެސް ވަނީ އެޓީމުގެ ކުޅުން ރަގަޅުކޮށް އޭދަފުށީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ވަރުބަލިކޮށް ފެނުނު އޭދަފުށީ ޓީމުން ގޯލެއް ޖަހަން މަސައްކަތް ކުރި ނަމަވެސް ކުޅުދުއްފުށިން ވަނީ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. މެޗުގައި އޭދަފުއްޓަށް ގިނަ ކޯނަރުތަކެއް ލިބި އޭގެ ބޭނުންވަނީ ނުކުރެވިފައެވެ. މޮޅު ކުޅުމެއް ދެއްކިނަމަވެސް އޭދަފުއްޓަށް މިއަދުގެ މެޗުގައި ނިންމާލުމުގެ މައްސަލަ އޭދަފުށީ ޓީމުން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.

ކުޅުދުއްފުއްޓާ އޭދަފުށި ބައްދަލުކުރި މެޗުގެ ެތެރެއިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

މެޗަށްފަހު ކުޅުދުއްފުށީ ޓީމުގެ ކޯޗު މުޙައްމަދު ދާއުދޫ ވިދާޅުވީ އެންމެ ފަހުގެ ޗެމްޕިއަނުންނާއި ކުޅެ މެޗު އެއްވަރުވުމުން ހިތްހަމަ ޖެހޭކަމަށެވެ.

“އެންމެ ފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅެ ޕޮއިންޓެއް ލިބުނީމަ ހިތްހަމަ ޖެހޭ. ފަހު ވަގުތު ނަތީޖާ ބަދަލުކޮށްލަން ކުޅުދުއްފުއްޓަށް ފުރުސަތު ލިބުނު. އޭގެ ބޭނުން ނުކުރެވުމަކީ ޓީމަށް ލިބުނު ގެއްލުމެއް. އޭދަފުށިން މި މެޗުގަ މޮޅަށް ކުޅުނު. އެކަމު ކުޅުދުއްފުށިންވެސް ދެއްކީ ހަމަ ރަގަޅު ކުޅުމެއް. މިއީ މުބާރާތުގައި ކުރިއަށް ދާންލިބުނު ހިތްވަރެއް”

މި ގްރޫޕްގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ށ. މިލަންދޫ އާއި އއ. މާޅޮހެވެ. އޭދަފުށީގެ ދެވަނަ މެޗުގައި ޖުލައި 10 ވަނަ ދުވަހު ނިކުންނާނީ ށ. މިލަންދޫއާ ދެކޮޅަށެވެ.

މި މުބާރާތުގެ ގްރޫޕް ދޭއްގައި ކުޅުނު ފުރަތަމަ މެޗުވެސް ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. މި މެޗުގައި ބައްދަލުކުރީ ގްރޫޕް ދޭއްގެ މެޗުތައް ބާއްވާ ގދ. ތިނަދޫ އާއި ދ. ކުޑަހުވަދޫ އެވެ. މި ގްރޫޕްގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރަނީ ތ. ތިމަރަފުށްޓާއި ސ. ފޭދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.