ދިރާގަށް މޮބައިލް މަނީގެ ލައިސަންސް ދީފި

މޮބައިލް މަނީ ހިދުމަތް ދިނުމުގެ ލައިސަންސް އެމްއެމްއޭގެ ގަވަރުނަރު އަޒީމާ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާ ހަވާލުކުރައްވަނީ. ފޮޓޯ: އެމްއެމްއޭ

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި ދިރާގަށް މޮބައިލް މަނީގެ ހިދުމަތް ދިނުމަށް އެމްއެމްއޭ އިން ލައިސަންސް ދީފި އެވެ.

މޮބައިލް ފޯނު މެދުވެރިކޮށް ފައިސާގެ މުއާމަލާތްކުރުމުގެ ލައިސަންސް ދިރާގަށް ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު ފެށި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގަ އެވެ.

ލައިސަންސް ދިރާގާ ރަސްމީކޮށް ހަވާލުކޮށް ދެއްވީ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ. ދިރާގުގެ ފަރާތުން ލައިސަންސާ ހަވާލުވެވަޑައިގެންނެވީ، އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ރަޝީދެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވި ގޮތުގައި މޮބައިލް މަނީގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބުމާއެކު ކަސްޓަމަރުންނަށް އާ ޑިޖިޓަލް ހިދުމަތް ލިބިގެންދާނެ އެވެ. އަދި އެ ހިދުމަތް މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންނަށް މޯބައިލް ފޯނު މެދުވެރިކޮށް ފައިސާގެ މުއާމަލާތްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“މި ލައިސަންސް ލިބުމާއެކު ދިރާގުން މަސައްކަތްކުރަމުން މިއަންނަނީ ވީހާވެސް އަވަސް ފުރުސަތެއްގެ ތެރޭގައި އެ ހިދުމަތް ތައާރަފްކުރުމަށް. އެ ހިދުމަތް ތައާރަފްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައި،” މިރުޝާން ވިދާޅުވި އެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖެއަކީ މޯބައިލް ފޯނު ނެޓްވޯކް ފުޅާވެފައިވާ ޤައުމަކަށްވާތީ، މޮބައިލް ފޯނު މެދުވެރިކޮށް ފައިސާ ދެއްކުމާއި ފޮނުވުމުގެ ޚިދުމަތް ދޭން ފެށުމަކީ ޢާއްމުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެފަދަ ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މެދުގައި އިތުރަށް ވާދަވެރިކަން އުފެދިގެން ދާނެ ކަމެއް ކަމަށް ޤަބޫލުކުރާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.