“މިހާރު ވެސް އިސްތިއުފާ ދީފާނަން… ލިބޭ އެއްޗަކަށް ވުރެ ފަސް ގުނަ އިތުރަށް ޚަރަދުކޮށްގެން މިއުޅެނީ”

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)– ފޮޓޯ/ މަޖިލިސް

އޭނާ މިހާރު ވެސް ހުންނެވީ އިސްތިއުފާ ދޭން ތައްޔާރަށް ކަމަށާއި، މިހާރުވެސް ލިބޭ އެއްޗަކަށް ވުރެ ފަސް ގުނަ އިތުރަށް ޚަރަދުކުރަމުން ގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީގެ ދާއިރާގެ މެމްބަރުކަމުގެ އަހްމަދު ސަލީމް ވިދަޅުވެއްޖެ އެވެ.

ސަލީމު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގްރޫޕްގައި މެމްބަރުންގެ މެދުގައި ދެއްކެ ވާހަކަތަކެއްގައި ކަމަށް މިހާރު ނޫހުގަިއ ރިޕޯޓްކޮށްފައިވެ އެވެ.

އެ މައްސަލައިގައި ސަލީމު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ސަރުކާރަށާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އަށް ވެސް ދެއްވައިފަ އެވެ.
ސަލީމް ވިދާޅުވީ “އޭޖީ އަނިލް އަކީ ތަސައްރަފު ނުފުދޭ 12 އަހަރުން ދަށުގެ ކުޑަކުއްޖެއް” ކަމަށެވެ.

އަދި ބައެއް ވަޒީރުންނަށް ނިސްބަތް ކުރައްވައި ސަލީމް ވިދާޅުވީ އެއީ “މިތަން ހަލާކު ކުރާ މީހުން” ކަމަށެވެ.

ސަލީމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީޕީއެމްގެ 15 މެމްބަރަކު އެ ޕާޓީން ވަކިވެ އަދި ވަކި ކޮށްފައިވާ އިރު، ވިޕްލައިނާ ޚިލާފުވެގެން ގޮނޑި ގެއްލޭ ނަމަ، ޕީޕީއެމްގައި ހުންނަވަން އޭނާ ވެސް ބޭނުން ނުވާ ކަމަށެވެ.

“މިހާރު ވެސް އިސްތިއުފާ ދީފާނަން… ލިބޭ އެއްޗަކަށް ވުރެ ފަސް ގުނަ އިތުރަށް ޚަރަދުކޮށްގެން މިއުޅެނީ،” ސަރުކާރަށާއި ޕީޕީއެމްގެ އެކި ކަންކަމަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ސަލީމް ވިދާޅުވި އެވެ.

އޭނާ ވައިބާ ގުރޫޕްގައި ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ގުރޫޕް އޮތީ ރައީސް އަބްދުﷲ ޔާމީނާއެކު ކަމަށާއި އެކަމަކު އެއްވެސް ފަރާތަކުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް އަމާޒު ކުރައްވައި ސަލީމް ވިދާޅުވީ “ނިހާން ތީ ބޯ ހަމަ މީހެއްތޯ؟،” އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރޫ ގުރޫޕުގެ ވައިބާގައި ސަލީމް ސަރުކާރަށާއި ޕީޕީއެމަށް ކެނޑިނޭޅި ފާޑު ވިދާޅުވަމުންދާ އިރު، އެ ޕާޓީގެ ވައިބާ ގްރޫޕް ވެސް މިދިޔަ ހުކުރު ދުވަހު ހޫނުވެ، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ އޭނާ އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް