ދިރާގުން މި އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާދާރުންނަށް 452.9 މިލިއަން ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނީ މި އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ބަހާނީ 5.96ރ. ކަމަށެވެ.
ދިރާގުން ބުނި ގޮތުގައި ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 29ގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ދިރާގުން ބުނީ އިންޓަރިމް ޑިވިޑެންޑް ކަނޑައަޅާފައި ވަނީ މިދިޔަ އޭޕްރިލް 20 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށް، ޑިރެކްޓަރުންގެ ބޯޑަށް ދީފައިވާ ބާރުގެ ދަށުން ކުންފުނީގެ ޑިވިޑެންޑް ޕޮލިސީއާ އެއްގޮތަށް ކަމަށެވެ.
ދިރާގުގެ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 244 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.