އާ ޖަނަރޭޓަރު ބޭނުން ކުރަން ފަށައިފި

އާ ޖަނަރޭޓަރު އިންސްޓޮލުކުރުމުގެ މަސައްކަތް ކުރަނީ

އޭދަފުށީގައި ކަރަންޓު އުފަައްދާ މިންވަރު އިތުރުކުރަން ފެނަކައިން އަލަށް ބެހެއްޓި 800 ވޯޓްގެ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި އެވެ.

ފެނަކަ ބ. ރީޖަނަލް މެނޭޖަރު އަލީ ޝަފީގު ވިދާޅުވީ އަލަށް ބެހެއްޓި އިންޖީނު އިންސްޓޯލްކޮށް ޓެސްޓް ކުރުމަށްފަހު، މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

“އޭދަފުށީގައި ދުވަހެއް ދުވަހަކަށް ކަރަންޓް ބޭނުންކުރާ މިންވަރު މިދަނީ އިތުރުވަމުން. އާ އިންޖީނު ބެހެއްޓި ނަމަވެސް މިކަމަށް ދާއިމީ ހައްލެއް ނާންނާނެ. އެހެންވެ، އިތުރު 1 މެގަވޯޓްގެ ޖަނަރޭޓަރެއް ގެނައުމަށް ސަރުކާރާއެކު މިދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން،” އަލީ ޝަފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލަށް ގެންނަ އެއް މެގަވޮޓްގެ އިންޖީނު އަހަރުތެރޭ ގެނެސް އިންޓޯލްކޮށް ކަރަންޓު އުފައްދަން ފެށޭވަރުވާނެ އެވެ. އޭގެ އިތުރުން އޭދަފުށީގައި އަޅާފައި ކޭބަލް ނެޓްވޯކްވެސް އާ ކުރުމަށްޓަކައި ވަރަށް އަވަހަށް އެކަމުގެ ސާވޭތަކެއްވެސް ކުރެވޭނެ ކަމަށް އަލީ ވިދާޅުވި އެވެ.

އޭދަފުށީ އިންޖީނުގެއިން ބުނީ އަލަށް ބެހެއްޓި ޖަނަރޭޓަރާ އެކު މިރަށުގެ ކަރަންޓް ކެޕޭސިޓީ 2 މެގަވޮޓަށް ވުރެ މިހާރު އިތުރުވާނެ ކަމަށެވެ. އަދި އޭދަފުށީގައި މިހާރު ކަރަންޓް އުފައްދަން ޖުމްލަ 4 ޖަނަރޭޓަރު ބޭނުންކުރަމުން އަންނަ ކަމަށް ވެސް އިންޖީނުގެއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް