ރަންނާ އެވޯޑް މިއަހަރު ނުބާއްވަން ނިންމައިފި

ރަންނާ އެވޯޑް ދިނުމަށް މިދިޔަ އަހަރު ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަބްދުއްރައްޒާގު މުހައްމަދުއަށް ޝަރަފުވެރިކަމުގެ އިނާމު ހަވާލުކޮށްދެނީ. މިއަހަރު ރަންނާ އެވޯޑް ނޯންނާނެ– އީޓީ ފޮޓޯ

ބ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިދިޔަ އަހަރު ދޭން ފެށި “ރަންނާ އެވޯޑް” މިއަހަރު ނުބާއްވަން އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރު ވިދާޅުވީ، އިއްޔެ ބޭއްވި އެ ކައުންސިލުގެ ބައްދަލުވުމުގައި ނިންމީ މިއަހަރުގެ ރަންނާ އެވޯޑް އަންނަ އަހަރު މާޗު މަހު ބާއްވަން ފެންނަ ކަމަށާއި އެހެންވެ މި އަހަރު އެވޯޑްދިނުން ނުބާއްވާނެ ކަމަށެވެ.

އަތޮޅު ކައުންސިލުން ބުނި ގޮތުގައި ރަންނާ އެވޯޑް ހަފުލާ މި އަހަރު ނުބާއްވަން ނިންމި އެއް ސަބަބަކީ، މި އަހަރު ކައުންސިލުގެ ދައުރު ބަދަލުވުމުގެ މަރުހަލާ ދިގު ދެމިގެންދިއުމުންނާއި، އައު ކައުންސިލް އައުމަށްފަހު އެވޯޑަށް ތައްޔާރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭތީ ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން އަތޮޅު ކައުންސިލުން މި އެވޯޑް ދޭން ނިންމީ، ގައުމީ ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޝަރަފުވެރިންނާއި ޚިދުމަތްތެރިންނާއި އެކިގޮތްގޮތުން އަތޮޅަށް ރީތިނަން ހޯދާދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމުގެ ގޮތުންނެވެ.
އަދި ބ. އަތޮޅުގައި އިލްމީ ގޮތުން ގާބިލު ޖީލެއް އުފެއްދުމާއި ދަރިވަރުން ހޯދާ ޝަރަފުވެރި ވަނަނަތައް ފާހަގަކޮށް ހިތްވަރު ދިނުންވެސް މި އެވޯޑް ދިނުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މިދިޔަ އަހަރު އޮތް ރަންނާ އެވޯޑްގައި ޝަރަފުވެރި ކަމުގެ އިނާމު ދެ ބޭފުޅަކަށް އަދި ހިތްވަރުދިނުމުގެ އިނާމު 13 ބޭފުޅަކަށް ލިބިފައިވެ އެވެ. މީގެ އިތުރުން މަތީ ދަރަޖަ ހާސިލުކޮށްފައިވާ ފަރާތްތަކަށާއި ސާނަވީ/މަތީ ސާނަވީ އަދި ކުޅިވަރުގެ ބައިން ވަނަތައް ހޯދައިދީފައިވާ ފަރާތްތަކަށްވެސް ހަނދާނީފިލާ ދީފައިވެ އެވެ.

މީގެ އިތުރުން ބ. އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަށާއި އެންމެ ހިންގުންތެރި ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށްވެސް އެވޯޑްދިނެވެ.

އަތޮޅު ކައުންސިލުން ބުނީ “ރަންނާ އެވޯޑް 2018” އަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި، އެވޯޑް ހަފުލާވެސް ވަރަށް ފުރިހަމަ އަދި އެހާމެ ކުލަ ގަދަ ހަފުލާއަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް