ކޯސްޓްލައިން ކެމްޕަހުގެ އޯޕަންޑޭ ހޮނިހިރު ދުވަހު ބާއްވަނީ

ކޯސްޓްލައިންގެ ކެމްޕަހުގައި ހިންގާ ކޯހެއްގެ އިޝްތިހާރެއް:

ދިވެހި ޒުވާނުން މަސައްކަތްތެރިކަމުގެ ރޮނގުން ތަމްރީނު ކުރުމަށް ކޯސްޓްލައިން ފައުންޑޭޝަނުން ބ. ކިހާދޫގައި ގާއިމުކުރާ ކެމްޕަހުގެ ކޯސްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ހޮނިހިރު ދުވަހު އޯޕަންޑޭ ބާއްވަން ނިންމައިފި އެވެ.

ކޯސްޓްލައިންގެ ޕްރޮޖެކްޓު ކޯޑިނޭޓަރު މުހައްމަދު ވިޝާމް ވިދާޅުވީ ބ. އަތޮޅަށް ހާއްސަކޮށްގެން އަންނަ ހޮނިހިރު ދުވަހު ހެނދުނު 10:00 ން ހަވީރު 4:00 އަށް، އޭދަފުށި މަލްޓިޕާޕަސް ހޯލުގައި ކޯސްތަކާ ގުޅޭ މައުލޫމާތު ދިނުން އޮންނާނެ ކަމަށެވެ. އަދި ރ. އަތޮޅުގައި ބާއްވާ އޯޕަން ޑޭ އޮންނާި މިމަހުގެ 28 ވަނަ ދުވަހު އުނގޫފާރުގަ އެވެ.

ވިޝާމް ވިދާޅުވީ އަންނަ ޖެނުއަރީ މަހު ފަށާ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެންމެ ފުރަތަމަ ޖާގަ ދޭނީ 50 ދަރިވަރުންނަށް ކަމަށެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި ކޯސްތައް އިތުރުވާ ވަރަކަށް ޖާގަ ވެސް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގެ ނަމުގައި މި ކެމްޕަސް ޖެނުއަރީ މަހު ހުޅުވަނީ ތިން ކޯހަކާއެކު އެވެ. އެއީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަނާ އާއި ރެފްރިޖަރޭޓާ މަރާމާތު ކުރުމުގެ ކޯހެކެވެ.

އޯޕަންޑޭގެ އިސްތިހާރެއް

މިއީ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ކޯސްތަކެއް ކަމަށް ވިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 15 ހަފުތާގެ މުއްދަތަށް މި ކޯސްތައް ހިންގާނީ އެކި ސެޓްފިކެޓް ލެވެލްތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ދެ ހަފުތާ ކިޔެވުމުން ސެޓްފިކެޓް އެކެއް އަދި ކޯސް އެއްކޮށް ފުރިހަމަ ކުރުމުން ސެޓްފިކެޓް ތިނެއް ލިބޭނެ ކަމަށް ވިދާާޅުވި އެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި، ކޯސްޓްލައިނުން ކިހާދޫގައި ގާއިމުކުރާ 200 ކުދިންގެ ޖާގައިގެ މި ކެމްޕަހުގައި ކިޔަވައިދޭނީ ހިލެ އެވެ. އަދި ދަރިވަރުން ހިލޭ ތިބުމަށް އެތަނުގައި ދަނާލެއް އަޅާފައިވާއިރު ކެއުން ވެސް ހަމަޖައްސައިދޭނީ ކެމްޕަހުންނެވެ.

ކޯސްޓްލައިނުން މި ކެމްޕަސް ގާއިމުކޮށްފައިވަނީ ކިހާދޫގެ 240،000 ވުރެ ބޮޑު ބިމެއް ނަގައިގެންނެވެ.

ކޯސްތަކުގައި ބައިވެރިވުމަށް އެތަނުގެ ވެބްސައިޓް ޓީވީއީސީޑޮޓްއެމްވީ އިން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް