ކަލިނަރީ ޗެލެންޖު: އޭދަފުށީގައި ކެއްކުމުގެ ބޮޑު އީދެއް

މަލްޓިޕާޕަސް ހޯލުތެރޭގައި ބަހައްޓާފައި ހުރި 10 ސްޓޭޝަނުގައި ކައްކާއިން އެތުރިލައިގެން ތިއްބެވެ. އެ މީހުންގެ ކުރިމަތީގައި ހުރި ތަށިތައްޓާއި ޓްރޭތަކުގައި ހުރީ ކާއެއްޗެހި ތައްޔާރުކުރަން އަޅާ އެކި ފާޑުގެ އެއްޗިއްސެވެ. އެކި ވައްތަރުގެ މަހާއި ތަރުކާރީގެ ބާވަތްތަކާއި ރަހަމީރު ކުރުމަށް ބޭނުންކުރާ ތަކެއްޗެވެ. މަސްތައް ކޮށާލައި ކައްކާލި އިރު ފެނިގެން ދިޔައީ އާދަޔާހިލާފު ހުނަރެވެ. އަތްމަތި ހަލުވިކަމާ އެކު ކައްކައި ނިންމާލި އިރު ތަށިތަކުން ފެންނަން ހުރި ކާތަކެތިން ކުޅުދިޔާވެ އެވެ.

މިއީ މިއަހަރުގެ ދުނިޔޭގެ ޝެފުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު އޭދަފުށީގައި ފެށި ބ އަތޮޅު ކަލިނަރީ ޗެލެންޖެވެ. މިރަށުގައި ކެއްކުމުގައި ހަރަކާތްތެރިވާ އެންމެންނަށް އައި ކެއްކުމުގެ ބޮޑު އީދެވެ.

ބ. އަތޮޅު ކަލިނަރީ ޗެލެންޖަކީ މިރަށުގައި ބާއްވާ މިފަދަ އެންމެ ބޮޑު ކެއްކުމުގެ މުބާރާތެވެ.

މި މުބާރާތުގައި، 30 ޓީމު ބައިވެރިވެފައި ވާއިރު، އޭގެ ތެރޭގައި 75 މީހުން ހިމެނެ އެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މިރޭ 8:30 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ. އެ ޖަލްސާގައި މި މުބާރާތުގެ ރަން ވަނަތަކަށް ހޮވޭ ކެއުންތަކާއި ޓީމުތަކަށް ޓްރޮފީއާ މެޑަލް ދޭނެ އެވެ.

މުބާރާތުގައި ކޮންމެ ޓީމަކުން ސްޓަރޓަރއަކާއި، މެއިން ކޯސް އަދި ފޮނިކާއެއްޗެއް ތައްޔާރު ކުރާނެއެވެ. ޝެފް ގިލްޑް މޯލްޑިވްސްއާއި ބެސްޓް ބައި މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ކެއްކުމުގެ މި މުބާރާތް ޚާއްސަކޮށްފައިވަނީ ދިވެހި ވަންތަ ކާނާގެ ބާވަތްތައް އެ ބާވަތްތަކުގެ ރަހަ ނުގެއްލޭގޮތަށް ޒަމާނީ ބަދަލުތަކާއިއެކު ތައްޔާރުކުރުމަށް ކަމަށް ސީޖީއެމްއިން ބުނެއެވެ. އަދި މި ތަކެއްޗަކީ ބޭރުގެ ފަރާތްތަކަށް ޕްރެޒެންޓް ކުރެވޭގޮތަށް ތައްޔާރު ކުރާ ކާނާގެ ބާވަތްތައްކަން ސީގީއެމުން ފާހަގަކުރެއެވެ.

ޝެފް ގިލްޑް މޯލްޑިވްސްގެ ރަޢީސާ މަރިޔަމް ނޫރައްދީން ވިދާޅުވީ މި މިފަދަ މުބާރާތެއް އަތޮޅުތެރޭގައި ބޭއްވުމުގެ ބޭނުމަކީ އާއްމު ފަރާތްތަކުގެ ކެއްކުމުގެ ހުނަރު ކުރިއަރުވައި، ކެއްކުމުގެ ދާއިރާގައި މީހުންގެ ބައިވެރިވުން އިތުރުކުރުކޮށް މި ދާއިރާއަށް މީހުންގެ ޝައުގު އިތުރުކުރުންކަމަށެވެ.

ޝެފްގިލްޑް މޯލްޑިވެސްގެ އަމާޒަކީ ކެއްކުމުގެ މިމުބާރާތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުރިއަށްގެންދިއުމެވެ. އެގޮތުން އަންނަ އަހަރު މި މުބާރާތް އުތުރުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން، ހ.ދ ކުޅުދުއްފުށީގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ޝެފް ގިލްޑް މޯލްޑިވްސްއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް