މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް ލިބުނު ސާފު ފައިދާ 136 މިލިއަނަށް އަރައިފިއެވެ.
އެކުންފުނިން އާންމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 450 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓަރުގައި އުރީދޫއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 441 މިލިއަން ރުފިޔާއެވެ.
ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އުރީދޫއަށް ފައިދާގެ ގޮތުގައި 160 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 161 މިލިއަން ރުފިޔާއެވެ.
އުރީދޫ މޯލްޑިވްސްގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް އެކުންފުންޏަށް 1.3 ބިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެއެވެ.