ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ދޮޅު މަހަށް ވުރެ ދިގު ޗުއްޓީއަކަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ޖުމްލަ 81،000 ދަރިވަރުންނާ އެކު މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހުރިހާ ސްކޫލެއްގައި ވެސް ކިޔެވުން ފަށާފައިވާ ކަމަށެވެ.
މިދިޔަ ހަފްތާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ އާ އަހަރަކީ ވަރަށް ވެސް އުންމީދީ އަދި ތައުލީމީ ދާއިރާ އިތުރު ހަރުފަތަކަށް ދާނެ އަހަރެއް ކަމަށެވެ.

އެގޮތުން މޭ 7، ގެ ފަހުން ޓެބްލެޓް ބޭނުންކޮށްގެން ކިޔަވަން ފެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ރާއްޖޭގެ އެންމެ އާބާދީ ކުޑަ ސްކޫލަށް ވެސް މޭ ހަތެއްގެ ކުރިން ވައިފައި ގުޅައި، ޓެބްލެޓް ބޭނުންކުރާނެ،” މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލްތައް ޑިޖިޓަލް ކުރުމުން، ދަރިވަރުންނަށް މާއްދާތަކާ ގުޅޭ އިތުރު މައުލޫމާތުތައް ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ އާބާދީ މަދު ސްކޫލްތަކުގައި މި އަހަރު ‘ވާޗުއަލް’ކޮށް ކިޔަވައިދޭން ފަށާނެ ކަމަށާއި އަދި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ޝާމިލުކޮށްގެން މި އަހަރު ކިޔަވައިދޭން ފެއްޓޭނެ ކަމަށެވެ.
އެ މިނިސްޓްރީ އިން ބުނީ ދިރާސީ އާ އަހަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ.

ދެ ވަނަ ސެމިސްޓާގައި 105 ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައިވާ އިރު މުޅި އަހަރު ތެރޭގައި ޖުމްލަ 203 ދުވަހު ކިޔަވައިދޭނެ ކަމަށް ދިރާސީ ކަލަންޑަރުގައިވެ އެވެ.

ގުޅުންހުރި ލިޔުންތައް