
“ކޮމިއުނިޓީ ޗެރިޓީ ޝީލްޑް” ގެ ނަމުގައި ވެސްޓް ވިންގް ޖަމިއްޔާއިން އޭދަފުށީގައި ފުރަތަމަ ފަހަރަށް ބޭއްވި ހާއްސަ ފުޓްބޯޅަ މެޗުން ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް 11،000 ރުދިޔާ ހަދިޔާކޮށްފި އެވެ.
ވެސްޓް ވިންގުން މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވާގޮތަށް ހަމަޖައްސާފައިވާ ޗެރިޓީ ޝިލްޑް މެޗުގައި ކޮންމެ އަހަރަކުވެސް ބައްދަލުކުރާނީ އޭގެ ކުރީ އަހަރު އޭދަފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ދެ ޓީމެކެވެ. މިއަދުގެ މެޗުގައި ވާދަކުރި ދެޓީމަކީ މިދިޔަ އަހަރު އޭދަފުށީގައި ބޭއްވި އެންމެ ބޮޑު ދެ މުބާރާތުގެ ޗެމްޕިއަނުންނެވެ.

މިއަދު ހަވީރު ކުޅުނު ޗެރިޓީ ޝީލްޑް މެޗު ޑުސިޓް ބަލިކޮށް ހުސްސޮނގުން ކާމިޔާބު ކުރީ 4-2 އިންނެވެ.
ވެސްޓް ވިންގުން ބުނި ގޮތުގައި ކޮންމެ އަހަރަކުވެސް ހާއްސަ ފުޓްބޯޅަ މެޗެއް ބާއްވަން ނިންމީ އޭދަފުށީގައި ހުރި އެކިއެކި މުއައްސަސާ ތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ކަނޑައެޅޭ ވަކި މުއައްސަސާ އަކަށް ޗެރިޓީގެ ގޮތުގައި އެ ޖަމިއްޔާގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

އެގޮތުން މިއަދުގެ މެޗު ކާމިޔާބުކޮށްގެން ހުސްސޮނގުން ޓީމަށް ލިބުނު 5000 ރުފިޔާ އާއި ޑުސިޓް ތާނީ މޯލްޑިވްސް ރިސޯޓުން އެހީގެ ގޮތުގައި 6000 ރުފިޔާ ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ވަނީ ހަދިޔާކޮށްފަ އެވެ.
ވެސްޓް ވިންގް ޖަމިއްޔާއިން ބުނީ މި މެޗުގެ ސަބަބުން އޭދަފުށީގަ ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގެ ވާދަވެރިކަން ބޮޑުވެ މުބާރާތްތަކުގައި ވާދަކުރާ ޓީމްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.






