ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އައި އޭދަފުއްޓަށް އުފަން ގޯލް ކީޕަރު އަބްދުﷲ ޒިޔަޒަން ވިކްޓްރީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބުތައް ކަމަށްވާ ވިޔެންސާއާއި ވީބީ އައްޑޫ އެފްސީ އަދި ނިއުއިންވެސް ފެނުނު ޒިޔަޒަން ފުރަތަމަ ޑިވިޝަނުން ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. ނަމަވެސް މިދިޔަ ސީޒަންގައި ޒިޔަޒަން އަލުން ނިއުއާ ގުޅުނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް އޭދަފުއްޓަށް އެ މުބާރާތް ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކުރުމަށްފަހު އެވެ.
މިދިޔަ ސީޒަންގައި ނިއުގެ ފުރަތަމަ ކީޕަރެއްގެ ރޯލުން ފެނުނީ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު (އިންމަ)އެވެ. އެހެން ނަމަވެސް ސަސްޕެންޝަންގެ ސަބަބުން މާލޭ ލީގުގައި އިންމަ ނުކުޅެ ހުންނަން ޖެހުނު މެޗުތަކުގައި ޒިޔަޒަންގެ ފަރާތުންވަނީ ރަނގަޅު ކުޅުމެއް ފެނިފައެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު އޭޝިއަން ކަޕުގެ ކޮލިފައިން ތިން މެޗެއްގެ ގައުމީ ސްކޮޑުގައިވެސް ޒިޔަޒަން ވަނީ ހިމެނިފައެވެ.