
ސީޒަން ފެށެން ގާތްވެފައިވަނިކޮށް ނިއު ރޭޑިއަންޓުގެ މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) ގެ ކަނާތު ކަކުލަށް އަނިޔާވެ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިދާނެ ކަމުގެ ބިރާ ކުރިމަތިވެއްޖެ އެވެ.
ހަމްޕުގެ ކަނާތު ކަކުލަށް މީގެ ހަފުތާއެއްހާ ދުވަސްކުރިން އަނިޔާވީ ޕްރެކްޓިހުގަ އެވެ.
މިހާރު ނޫހުގައި ބުނެފައިވާ ގޮތުގައި ހަމްޕް ބެލި ޑޮކްޓަރުން ބުނެފައިވަނީ ކަކުލުގެ މެނިސްކަސް އަށް ވަނީ ގެއްލުންވެފައެވެ. އެފަދަ އަނިޔާތަކުން ރިކަވާވެ އަލުން ކުޅެން ނުކުންނަން އާއްމުކޮށް ދެމަހެއްހާ ދުވަސް ނަގަ އެވެ.
ބ. އޭދަފުށްޓަށް ނިސްބަތްވާ ހަމްޕު އަކީ ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ ޕްލޭނުގައި ހިމެނޭ މުހިއްމު ކުޅުންތެރިޔެކެވެ. އޭނާ ވަނީ ނިއު އިން މިދިޔަ ސީޒަނުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

