މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އޭދަފުށި ކަޓުވާލުމަށްފަހު ފެހެންދޫ ޒޯން މުބާރާތަށް ކޮލިފައިވެއްޖެ އެވެ.
މިއަދު ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި 2-0 އިން ފެހެންދޫ ބަލިވި ނަމަވެސް އެ ޓީމަށް ބ. އަތޮޅުގެ ޗެމްޕިއަންކަން ލިބުނީ 3-3ގެ އެގްރެގޭޓް ނަތީޖާއާއެކު އަވޭ ގޯލުގެ ތަފާތަށް ބަލައިގެން މޮޅުވެގެންނެވެ. މި ނަތީޖާއާއެކު އޭދަފުށި ވަނީ މުބާރާތުން ކަޓާފައެވެ. ޒޯން މުބާރާތަށް ކޮލިފައިވާން މި މެޗުގައި އޭދަފުށިން 3 ގޯލުގެ ތަފާތަކުން ފެހެންދޫ ބަލިކުރަން ޖެހެއެވެ.
މިދިޔަ ތިން އަހަރުގެ އަތޮޅު މުބާރާތާއި ޒޯން މުބާރާތުގެ ޗެމޕިއަން އޭދަފުށި ޒޯން މުބާރާތަށް ކޮލިފައިނުވެ މުބާރާތުން ކެތި މިއީ ފުރަތަމަ ފަހަރެވެ.
މިއަދުގެ މެޗުގައި އޭދަފުށީ ޓީމުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެނިކޮށެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނު ތަނާ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކޮށްފަ އެވެ.
އަތޮޅު މުބާރާތުގައި ބ. އަތޮޅުން ބައިވެރިވީ ވެސް މި ދެރަށުން އެކަންޏެވެ. ފެހެންދޫ އާ އެކު ޒޯން މުބާރާތުގައި ވާދަކުރާނީ ރ. އަތޮޅު ޗެމްޕިއަނުންނާ އެވެ.