ޔުނިޓީ ފުޓްސަލް ފައިނަލް: ހާއްޕެގެ ހުނަރާއި އަޒްމީނުގެ ތަޖުރިބާ ފެންނާނެ މެޗެއް

އަޒްމޫބް (ކ) އާއި ހާއްޕެ (ވ)

ބ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ވާދަކުރާ އިރުމަތި ލަވާސް އާއި ފެއިމްސް ޔުނައިޓެޑަކީވެސް ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ދެޓީމެވެ. މިދިޔަ އަހަރުވެސް ފައިނަލުގައި ވާދަކުރި މި ދެޓީމުން ވަނީ މިފަހަރުގެ މުބާރާތަށްވެސް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ފެއިމްސް ޔުނައިޓެޑާއި ހިލާފަށް މިފަހަރު އެންމެ ބޮޑަށް ތައްޔާރުވި ޓީމަކީ އިރުމަތި ލަވާސް ޓީމެވެ.

ދެޓީމުގެ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ފެއިމްސް ޓީމުގައި ހިމެނޭ ޢަލީ ޒުބައިރަކީ މި މުބާރާތް ފެއިމްސް އިން ފުރަތަމަ ކާމިޔާބު ކުރިއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާއެވެ. އެޓީމުގެ އަބްދުﷲ ޒައީމަކީ ވޭތުވެދިޔަ ހަތަރު އަހަރުވެސް ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މިއާއެކު އެޓީމުން މިފަހަރު ފެންނަ އެންމެ ބޮޑު ބަދަލަކީ ހައްފާފް ސިދުގީގެ މޮޅު ކުޅުމާއި ހާފިޒް އަހްމަދުގެ ލީޑަރޝިޕެވެ. ފެއިމްސްގެ ޓީމުގައި ހިމެނޭ އެންމެ މުހިއްމު ކުޅުންތެރިއަކީ އޭދަފުށީ ފުޓްސަލްގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އަޒްމީން އަބްދުއްސައްތާރެވެ.

އަޒްމީން – މި މުބާރާތާ އެންމެ ރައްޓެހި ކުޅުންތެރިޔާ

އަޒްމީނަކީ މި މުބާރާތުގެ ހުރިހާ ފައިނަލެއްގައި ކުޅޭ ހަމައެކަނި ކުޅުންތެރިޔާއެވެ. ފުޓްސަލްގައި ކުޅުންތެރިއެއްގެ ކިބައިން ފެންނަން ބޭނުންވާ ހުރިހާ ހުނަރެއް އެކުލެވޭ އަޒްމީން ވަނީ ސޮނެވާފުއްޓާއެކު ދެފަހަރު އަދި ފެއިމްސް ޔުނައިޓެޑާ އެކު އެއްފަހަރު މި މުބާރާތުގެ ތަށި ކާމިޔާބު ކޮށްފައެވެ. އެންމެ ފަހުން ކުޅުން ތިން މުބާރާތްވެސް ކާމިޔާބު ކުރި އަޒްމީނަކީ މި މުބާރާތުގެ ތާރީހުގައި އެންމެ މޮޅު ކުޅުންތެރިޔާއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މީގެ އިތުރުންވެސް އޭނާ ވަނީ ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި ފުޓްބޯޅައިގެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިނިވަން ޗެމްޕިއަންޝިޕް 2016 އޭދަފުށި ކާމިޔާބު ކުރިއިރު މުހިއްމު ލަނޑުތަކެއް ޖަހައިދިން އިރު ގިނަ އަހަރުތަކެއް ވަންދެން އެއް ފެންވަރެއްގައި ކުޅޭ އަޒްމީނުގެ ތަޖުރިބާއަކީ ފެއިމްސް ޔުނައިޓެޑް ޓީމުން މިފަހަރުވެސް ތަށި ހޯދުމަށް ލިބޭނެ އެންމެ ބޮޑު ބާރެވެ.

މި މުބާރަތަށް ކިތަން ހަގު ޓީމަކަށް ވިޔަސް އިރުމަތި ލަވާސް އަކީ އޭދަފުށީ ފުޓްބޯޅައިގެ ވިދުންގަދަ ޓީމެކެވެ. މިދިޔަ އަހަރު ފައިނަލުގައި ބަލިވިޔަސް އެޓީމުގައި މިފަހަރުވެސް ހުނަރުވެރި ކުޅުންތެރިޔާ ސާހީ މުސާއާއި އަނަސް މުހައްމަދު ހިމެނެއެވެ. އެޓީމުން މިފަހަރު ފެންނަ އެންމެ ބޮޑު ބަދަލަކީ ރާއްޖޭގެ ފުޓްސަލްގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާ ޢަލީ ހާފިޒް (ހާއްޕެ) ހިމެނުމެވެ.

ޢަލީ ހާފިޒް (ހާއްޕެ) – މިދިޔަ އަހަރު އެކަނިވެސް 12 ތަށި

ފުޓްސަލްގައި ރާއްޖޭގައި ނަންކިޔާ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ ރ. އިނގުރައިދޫއަށް އުފަން ހާއްޕެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި ހުރިހާ މުބާރާތެއްހެން ކާމިޔާބު ކޮށްފައިވާ ހާއްޕެ އޭދަފުށީގައި ކުރާ މިއީ ފުރަތަމަ ތަޖުރިބާއެވެ. ކޮށްޓުމާއި ނެއްޓުމުގެ އާދަޔާ ހިލާފު ހުނަރެއް ލިބިފައިވާ ހާއްޕެ ވަނީ މިދިޔަ އަހަރު އެކަނިވެސް ފުޓްސަލްގެ 12 މުބާރާތް ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި އައްޑޫ ގޯދިޔާ ފުޓްސަލް ޗެލެންޖާއި ވަގުތު ފުޓްސަލް ޗެލެންޖު ހިމެނެއެވެ. 2015 އަދި 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަނުގައި ފެނުނު ނަމަވެސް ހާއްޕެ މިހާރު މުޅިންވެސް ފެންނަނީ ފުޓްސަލް އިންނެވެ. އެހެން ނަމަވެސް ފުޓްސަލް ކުޅެމުން ހާއްޕެ ވަނީ މިދިޔަ އަހަރު ދެވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ކުޑަ ހެންވޭރު ޓީމަށް ކުޅެގެން ހޯދާފައެވެ. މި މުބާރާތުގައި ހާއްޕެ އޭދަފުށީގައި ދައްކަމުންދާ ކުޅުމަށް ބަލާއިރު ފައިނަލް މެޗުގައި ހުއްޓުވަން އެންމެ އުނދަގޫ ކުޅުންތެރިއަކީ އޭނާއަށް ވުމަކީ ދުރުކަމެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.