އަތޮޅު ތަމްސީލު ކުރަން ފެހެންދޫ މިއަދު މީދޫއާ ދެކޮޅަށް ނުކުންނަނީ

ފެހެންދޫ ފުޓްބޯޅަ ޓީމް

މިނިވަން ޗެމްޕިއަންޝިޕް ޒޯން ތިނެއްގެ ބުރުގައި ބ. އަތޮޅު ޗެމްޕިއަން ފެހެންދޫ މިއަދު ޒޯން މުބާރާތުގެ ފުރަތަމަ މެޗުގައި ރ. މީދޫއާ ދެކޮޅަށް ނުކުންނާނެ އެވެ. މި މެޗު ކުޅޭނީ ޒޯން ތިނެއްގެ މެޗުތައް ބާއްވާ ޅ. ނައިފަރު ފުޓްބޯޅަ ދަނޑުގައެވެ. މެޗު ފަށާނީ މިއަދު ހަވީރު 3:50 ގައެވެ.

މެޗުގެ ކުރިން “އީޓީ” އާ ވާހަކަ ދައްކަމުން ފެހެންދޫ ޓީމުގެ މެނޭޖަރ މޫސާ ނަސީމް ވިދާޅުވީ ފެހެންދޫ ޓީމު އަތޮޅު މުބާރާތަށް ތައްޔާރުވާން ލިބުނު އެންމެ ބޮޑު ހިތްވަރަކީ އަތޮޅު ބުރުގައި އޭދަފުށި ބަލިކުރެވުން ކަމަށެވެ.

“އޭދަފުށި ބަލިކޮށްފަ ޒޯން މުބާރާތަށް ދެވުމަކީ ލިބުނު އިތުރު ހިތްވަރެއް. ޓީމު ތައްޔާރު ކުރީވެސް ޒޯން މުބާރާތަށާ އެއްކޮއް. ޓީމަށް ބަލާލީމަވެސް އެނގޭނެ އެކަން. ފެހެންދޫ މި ތަމްސީލު ކުރަނީ މުޅި އަތޮޅު. އުއްމީދު ކުރަން އަތޮޅު ކައުންސިލް އަދި އަތޮޅުގެ ހުރިހާ ރަށަކުންވެސް އެހީތެރިކަން ލިބޭނެކަމަށް”

މިއަދު މެޗަށް ނުކުންނަ އިރު ފެހެންދޫ ޓީމު އޮތީ ތައްޔާރަށް ކަމަށް ޓީމުން ބުނެއެވެ. އެޓީމުން ޒޯން މުބާރާތުގައި ފެންނާނެ އެންމެ ބޮޑު ބަދަލަކީ އޭދަފުށީ ފުޓްބޯޅައިގެ ލެޖެންޑު ޢަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) އެވެ. މަޖިއްޓޭ ވަނީ އަތޮޅު މުބާރާތުގައި ފެހެންދޫ ޓީމު ލިސްޓުގައި ހިމަނާފައެވެ. ނަމަވެސް އޭދަފުއްޓާ ދެކޮޅަށް ކުޅުނު ދެމެޗުގަވެސް މަޖިއްޓޭ ފެނިފައެއް ނުވެއެވެ. ފެހެންދޫ ޓީމުން ބުނަނީ މިއަދު އެޓީމުން މަޖިއްޓޭ ފެންނާނެ ކަމަށެވެ.

ޒޯން މުބާރާތުގައި މި ދެޓީމުގެ އިތުރުން ދެން ހިމެނެނީ މުބާރާތް ބާއްވާ ނައިފަރެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނައިފަރާއި ރ. އަތޮޅު ޗެމްޕިއަން މީދޫ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއަކުން މީދޫ އެވެ. މިއަދުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ފުރުސަތެއް މީދޫ އަށް ލިބޭނެއެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2015 ވަނަ އަހަރު ފެށިފަހުން މިދިޔަ ތިން އަހަރުގެވެސް ޒޯން ޗެމްޕިއަނުންނަކީ އޭދަފުއްޓެވެ. މި މުބާރާތުގައި އަލަށް ބައިވެރިވި ފެހެންދޫން މިއަދު ޒޯން މުބާރާތަށް ނުކުންނައިރު އަތޮޅު ރައްޔިތުންގެ އުއްމީދަކީ ފެހެންދޫ މި މުބާރާތުގައި ރަގަޅު ކާމިޔާބީއެއް ހޯދުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.