ކިހާދޫގައި ރޯދަ ހަދިޔާއަށް މިފަހަރު ކޮންމެ މީހަކަށް 10 ކާށި

ރޯދަ ހަދިޔާގެ ގޮތުގައި ކިހާދު ރައްޔިތުންނަށް މިދިޔަ އަހަރު ކާށި ބަހަނީ: ފޮޓޯ / ކިޔުންތެރިއެއް

މިއަހަރުގެ ރޯދަ ހަދިޔާއެއްގެ ގޮތުގައި ބ. ކިހާދޫ ކައުންސިލުން އެރަށު ކޮންމެ މީހަކަށް 10 ކާށި ދޭން ފަށައިފި އެވެ. މިދިޔަ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ މީހަކަށް ފަސް ކާއްޓެވެ.

ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފަޒީލް ވިދާޅުވީ، މިއަހަރުވެސް އެރަށު ރައްޔިތުން ރޯދަ ހަދިޔާގެ ގޮތުގައި ބޭނުންވީ ކާށި ކަމަށާއި، އެހެންވެ ކައުންސިލުން ނިންމީ ރައްޔިތުންގެ ރުއްގަނޑުން ހަދިޔާއެއްގެ ގޮތުގައި ކޮންމެ މީހަކަށް ދިހަ ކާށި ދޭށެވެ.

އޭނާ ވިދާޅުވީ ވަކި އުމުރަކަށް ބެލުމެއް ނެތި އެ ރަށުގެ ރަޖިސްޓްރީގައި ހިމެނޭ 487 މީހުންނަށް ވެސް އެ ހަދިޔާ ލިބޭނެ ކަމަށެވެ.

“މިފަހަރު ވެސް އެމީހަކު ބޭނުން ފަސް ކާށި ހޮވައިގެން ކައުންސިލަށް ދެއްކުމަށްފަހު ގެންދަންވީ،”

ކިހާދޫ ކައުންސިލުން ބުނީ ރޯދަމަހުގެ 15 ވަނަ ދުވަހާ ހަމައަށް ރޯދަ ހަދިޔާގެ ގޮތުގައި ކާށި ދޫކުރާނެ ކަމަށެވެ.

ބައެއް ކައުންސިލްތަކުން ދަނީ ރޯދަ މަހު އެރަށްރަށުގެ ރައްޔިތުންނަށް ތަފާތު އެހީތައް ފޯރުކޮށްދެމުންވެ. އަދި ބައެއް ކައުންސިލަރުން އަމިއްލަ އަށް ރައްޔިތުންނަށް ރޯދަ ހަދިޔާ ދޭއިރު ބައެއް ދާއިރާތަކުގެ މަޖިލިސް މެމްބަރުން ވެސް ދަނީ އެ ދާއިރާގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ތަފާތު ތަކެތި ބަހަމުންނެވެ.

ގުޅުންހުރި ލިޔުންތައް