ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް މި ފަހަރު ދިރާގު

އެފްއޭއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ.2) އާއި ދިރާގުގެ ފަރާތުން ބައިވެރިވީ ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އަހުމަދު މައުމޫން (ކ.2) ސަލާމްކުރަނީ.– ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިޔަށް އޮތް ތިން އަހަރަށް ދިވެހި ޕްރިމިއަރ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖެއްސެމަށްފަހު ވާހަކަ ދައްކަމުން އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ދުވަސްތަކަކަށް ފަހު ދިރާގާއެކީ މިވެވުނު އެއްބަސްވުމަކީ ދިވެހި ފުޓްބޯޅައަށް އިތުރު ކުރިއެރުމާއި ފޯރި ގެނައުމުގެ ބޭނުމުގައި ވެވުނު އެއްބަސްވުމެއްކަމަށެވެ. ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް ބައްސާމް ވަނީ ދިރާގަށް ޝުކުރު އަދާކުރައްވާފައެވެ.

“ދުވަސްތަކަކަށްފަހު މިއަދު ދިރާގާ އެކީ މި ވެވުނު އެއްބަސްވުމަކީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ކުރިއެރުވުމަށާއި، ފޯރި ގެނައުމުގެ ބޭނުމުގައި ވެވުނު އެއްބަސްވުމެއް. އެގޮތުން ކުރިޔަށް އޮތް ތިން އަހަރު ދިވެހި ޕްރިމިއަރ ލީގުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖެހިގެން ދިއުން މިއީ އަޅުގަނޑުމެންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް. ދިރާގަކީ އަބަދުވެސް ފުޓްބޯޅަ ކުރިއަރުވަން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންއަންނަ ބައެއް،” އެފްއޭއެމްގެ ރައީސް ބައްސާލް އަދީލް ޖަލީލް ވިދާޅުވިއެވެ.

ދިރާގުގެ ފަރާތުން މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އަހުމަދު މައުމޫން ވިދާޅުވީ، ފުޓްބޯޅަ އަކީ ރާއްޖޭގައި އެންމެ ފޯރިގަދަ ކުޅިވަރު ކަމަށާއި، ދިވެހި ޕްރިމިއަރ ލީގުގެ ޓައިޓަލް ސްޕޮންރަކަށް ދިރާގު ހަމަޖެހުމުން އެކަމާ އުފާކުރާކަމަށެވެ. އަދި ދިވެހި ޕްރިމިއަރ ލީގުގެ ފޯރި އިތުރުކުރުމަށް އެފްއޭއެމާއި ކްލަބްތަކާއި ގުޅިގެން މަސައްކަތް ކުރާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

“ފުޓްބޯޅަ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުޅެމުން އަންނަ ކުޅިވަރު. އެހެންކަމުން އަޅުގަނޑުމެން މިއަދު މި ނިންމީ އެފް.އޭ.އެމް އާއެކު ކުރިޔަށް އޮތް ތިން އަހަރު ދިވެހި ޕްރިމިއަރ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސަން. ދެން ދިރާގަކީ އަބަދުވެސް ފުޓްބޯޅަ އަށް ވަކިން ހާއްސަ ސަމާލުކަމެއް ދޭ ބައެއް. އަޅުނޑުމެންގެ އުއްމީދަކީ، އެފް.އޭ.އެމް އާއި ކްލަބް ތަކާއި ގުޅިގެން ވަރަށް ފޯރިގަދަ ލީގަކަށް މި ލީގު ވެގެން ދިއުން.” އަހުމަދު މައުމޫން ވިދާޅުވިއެވެ.

ކުރިޔަށް އޮތް ތިން އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖެހުމާއެކު މުބާރާތް ކުރިޔަށްދާނީ “ދިރާގު ދިވެހި ޕްރިމިއަރ ލީގު” ގެ ނަމުގައެވެ.

ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ވާދަކުރަނީ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް، މާޒިޔާ، ޓީސީ، އީގަލްސް، ވިކްޓަރީ އަދި ގްރީން ސްޓްރީޓްސްގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުން އައި ތ. ތިމަރަފުށްޓާއި ފ. ނިލަންދޫ، ށ. ފޯކައިދޫ އަދި ބ. ފެހެންދު އެވެ.
ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މާދަމާރޭ ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު އާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތިމަރަފުށްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.