ބަދަލު ތަކަކާއެކު ފެހެންދޫ ޓީމު ދިވެހި ޕްރިމިއަރ ލީގަށް ތައްޔާރު ވެއްޖެ

ފެހެންދޫ ޓީމުގެ ފަރިތަކުރުންތައް އިއްޔެ އެރަށުގައި ކުރިއަށްދަނީ- ފޮޓޯ/ޒުހުދާ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުނު ފެހެންދޫ ޓީމު އިތުރަށް ވަރުގަދަކޮށް ދިރާގު ދިވެހި ޕްރިމިއަރ ލީގަށް ތައްޔާރު ވެއްޖެއެވެ.

“އީޓީ” އާ ވާހަކަ ދައްކަމުން ފެހެންދޫ ސްޕޯޓްސް ކްލަބުގެ މެނޭޖަރު މޫސާ ނަސީމް ވިދާޅުވީ ޓީމު ބިނާވެފައިވާނީ ދިވެހި ކުޅުންތެރިންނަށް ކަމަށާއި، މިހާރު އޮތް ޓީމާއެކު ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ ރަނގަޅު ވާދައެއް ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

” އުއްމީދަކީ މިހާރު އޮތް ޓީމާއެކު މުޅި އަތޮޅުގެ ރައްޔިތުން ބޭނުންވާ ކަހަލަ ނަތީޖާއެއް ނެރުން. ގަބޫލު ކުރަން ފެހެންދޫ ނުކުންނަން ޖެހެނީ ރާއްޖޭގެ އެންމެ ބޮޑެތި ކްލަބްތަކާ ދެކޮޅަށް ކަން. އެކަމުވެސް މި ޓީމުން ސަޕްރައިޒް ނަތީޖާތަކެއް ނެރޭނެ. މިކަމަށް އެންމެ މުހިއްމީ އަތޮޅާއި ފެހެންދޫއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކެއްގެ ސަޕޯޓް. މެޗު ކުޅޭ ދުވަސްތަކުގައި ފެހެންދޫ ޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށް ވަޑައިގަތުމަކީ މުޅި ޓީމުގެ ވަރަށް ބޮޑު އެދުމެއް ” މޫސަ ބުންޏެވެ.

ފެހެންދޫ ޓީމަށް އިތުރުކުރި އެންމެ މުހިއްމު ކުޅުންތެރިއަކީ މި ސީޒަނަށް މާޒިޔާއާ ގުޅުނު އެރަށަށް އުފަން އަހްމަދު ނިޒާމެވެ. މާލޭ ލީގުގައި މާޒިޔާއަށް ކުޅުނު ނަމަވެސް ޓްރާންސްފަރ މުއްދަތުގައި ނިޒާމް މިހާރު ވަނީ ފެހެންދޫ ޓީމާ ގުޅިފައެވެ. މީގެ އިތުރުން އެޓީމަށް ވަނީ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ފޯކައިދޫ ޓީމަށް ކުޅުނު ނައިޖީރިޔާގެ ޑިފެންޑަރު ޗިމާ ގެންގޮސްފައެވެ. މިއާއެކު ފުޓްސަލް ގައި އެންމެ ފާހަގަ ކޮށްލެވޭ ޢަލީ ހާފިޒް (ހާއްޕެ) ގެ އިތުރުން ހުސައިން ޝަރީފް (އޮންލީ) ވެސް މިފަހަރު ފެންނާނީ ފެހެންދޫ ޓީމުންނެވެ. މިނިވަން ޗެމްޕިއަންޝިޕް ގައި ކުޅުނު ގިނަ ކުޅުންތެރިން ތަކަކަށް އެޓީމުން އިސްކަން ދީފައިވާއިރު ލީގުގައި ވާދަކުރާ ޓީމުގައިވެސް އުމުރުން 40 އަހަރުގެ ޢަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) ވަނީ ހިމަނާފައެވެ.

އޭދަފުށީގެ 6 ކުޅުންތެރިއަކަށް ފެހެންދޫ ޓީމުން ވަނީ ފުރުސަތު ދީފައެވެ. މަޖިއްޓޭގެ އިތުރުން އޭދަފުށިން ދެން ހިމެނޭ ކުޅުންތެރިންނަކީ އަލީ ޒުބައިރު އާއި އަޙްމަދު ލަޠީފް (ލައްޗޭ) އަދި ޑިފެންޑަރ އަޙްމަދު ހުމައިދުގެ އިތުރުން ސާމީ އިބްރާހީމް އަދި އިބްރާހީމް ޔޫސުފް އެވެ. ފެހެންދޫ ޓީމުން ދެން ފެންނާނެ އެންމެ މުހިއްމު ބަދަލަކީ މިދިޔަ އަހަރު ދިވެހި ޕްރިމިއަރ ލީގުގައި ށ. މިލަންދޫ ޓީމުގެ ފަހަތް ބެލެހެއްޓި އިތުބާރު ޑިފެންޑަރު މުޙައްމަދު އަރީފް (އަރިއްޕެ) އެވެ.

ދިވެހި ޕްރިމިއާ ލީގަށް މާޒިޔާ ދޫކޮށް އަމިއްލަ ރަށަށް ބަދަލުވި އަހްމަދު ނިޒާމް– ފޮޓޯ/މީސްމީޑިއާ

ފެހެންދޫ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވިއިރު އެޓީމުން ވަނީ ނަން މަޝްހޫރު ގިނަ ޓީމުތަކެއް ބަލިކޮށްފައެވެ. މީގެ ތެރޭގައި އަތޮޅު މުބާރާތުގައި އޭދަފުށި ބަލިކޮށްފައި ވާއިރު ފައިނަލް ބުރުގައި އެޓީމުން ވަނީ މިދިޔަ އަހަރު ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު މާޅޮސް ޓީމުވެސް ބަލިކޮށްފައެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި ފެހެންދޫ ބަލިވީ މުބާރާތް ކާމިޔާބު ކުރި ތިމަރަފުށި އަތުން 2-1 އިން ބަލިވެގެންނެވެ.

ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި މާދަމާރޭ ފެހެންދޫ ނުކުންނާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިފަހަރު ޕްރިމިއަރ ލީގުގައި 10 ޓީމަކުން ވާދަކުރާއިރު ލީގު ކުޅޭނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި 10 ޓީމު ވާދަކުރާއިރު ދެވަނަ ބުރުން ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 8 ޓީމަށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ފެހެންދޫ ޓީމަށް “އީޓީ” ގެ ފަރާތުން ކާމިޔާބީއަށް އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.