ފެހެންދޫ ޓީސީ އަތުން ބަލިވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ފެހެންދޫ 3-0 އިން ޓީސީ ސްޕޯޓްސް ކްލަބު އަތުން ބަލިވެއްޖެ އެވެ.

މިއަދުގެ މެޗަކީ ލީގުގައި ޓީސީ އަދި ފެހެންދޫ ވެސް ކުޅުނު ދެވަނަ މެޗެވެ. ފެހެންދޫ ގެ ފުރަތަމަ މެޗުގައި ވިކްޓަރީ އަތުން ޕޮއިންޓެއް ހޯދާފައިވާ އިރު ޓީސީގެ ފުރަތަމަ މެޗުގައި ފ. ނިލަންދޫ އަތުން 6-1ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައިވަނީ ޓީސީއެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޓީސީ ގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ޕްރިމިއާ ލީގަށް ޓީސީއާ ގުޅުނު އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

އެ ލަނޑަށްފަހު ވެސް ޓީސީއަށް ލީޑު އިތުރަށް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން އޭދަފުއްޓަށް އުފަން އިޝާން އިބްރާހިމް (ސައްޓު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ސާމިރަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.

ދެވަނަ ހާފު ވެސް ކޮންޓްރޯލް ކުރަމުން ގެންދިޔައީ ޓީސީ އިންނެވެ. އެގޮތުން މެޗުގެ 71ވަނަ މިނިޓްގައި ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ސައްޓު ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް މަހުދީ ހުސައިން އެވެ.

ތިންވަނަ ލަނޑު ޓީސީ އިން ކާމިޔާބު ކޮށްފައިވަނީ މެޗު ނިމެން އުޅެނިކޮށް އެޓީމަށް ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ދަގަނޑޭ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.