ޗެމްޕިއަން ތިމަރަފުށި ބަލިކޮށް ފެހެންދު އަށް މުހިއްމު މޮޅެއް

ދިވެހި ޕްރިމިއާ ލީގުގައި ފެހެންދޫއާއި ތިމަރަފުށި ކުޅުނު މެޗުގެ ތެރެއިން- ފޮޓޯ/އިމޭޖަސް.އެމްވީ

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށި އަތުން ބ. ފެހެންދޫން މުހިއްމު މޮޅެއް ހޯދައިފި އެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ފެހެންދޫން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ފެހެންދޫ އަށް ވަނީ ގަދަ އަށެއްގެ އުއްމީދު ބޮޑުވެފަ އެވެ.

ތިމަރަފުށިން މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކުރީ ސެމީގައި ފެހެންދޫ ބަލިކޮށްފަ އެވެ. މިރޭގެ މެޗުން ފެހެންދު މޮޅުވިއިރު، މިއީ ޕްރިމިއާ ލީގުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޓީމަކުން ހޯދި ފުރަތަމަ މޮޅެވެ.

މިރޭގެ މޮޅާ އެކު ފެހެންދު ވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. ތިމަރަފުށި ލީގުގެ ނުވަ ވަނައިގައި އޮތީ ޕޮއިންޓަކާ އެކު އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު ނިޒާމްބެ އެވެ. އޭރިއާ ތެރެއިން ނިޒާމްބެ އަށް ލިބުނު ބޯޅަ އޭނާ ވަނީ ކީޕަރު އަޑެޓުންޖީ އަތްމަތިން ގޯލުގެ ދުރުކަނަށް ފޮނުވާލައިފަ އެވެ.

ރޭގެ މެޗު ޗެސް ވެގެންދިޔައީ ފޯރިގަދަ މެޗަކަށެވެ. އެގޮތުން ފެހެންދޫ ޓީމަށް ހިތްވަރުދޭ ސަޕޯޓަރުންގެ އަޑު ގަދަކަން ފާހަގަ ކޮށްލެވެ އެވެ.

މެޗަށް ފަހު ފެހެންދޫ ޓީމުގެ މެނޭޖަރު މޫސާ ނަސީމް ބުނީ ދެ ޓީމުން ވެސް ވަރަށް މޮޅަށް ކުޅުނު ކަމަށާއި ފެހެންދު އަށް ލިބުނު މޮޅަކީ ކުޅުންތެރިން އެކުގައި ކުރި ހިތްވަރުން ލިބުނު މޮޅެއް ކަމަށާއި އެ ކަމަށްޓަކައި މުޅި ޓީމަށް ޝުކުރުއަދާކުރާކަމަށެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. އަދި މާދަމާރޭ ނިއު ރޭޑިއަންޓް ބަދައްލުކުރާނީ ށ. ފޯކައިދޫއާ އެވެ. / މިހާރު އޮންލައިން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.