ސޮނެވާ އެފް އެންޑް ބީ ޗެމްޕިއަންސް ލީގް މިރޭ ފަށަނީ

ސޮނެވާފުށީ ރިސޯޓްގެ މުވައްޒަފުންގެ މެދުގައި ބާއްވާ “ސޮނެވާ އެފް އެންޑް ބީ ފުޓްސަލް ޗެމްޕިއަންސް ލީގް” މިރޭ ފަށާނެ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

މުބާރާތުގެ އޯގަނައިޒިން ކޮމެޓީގެ ޗެއާމަން އިބްރާހިމް ރަޝީދު (ރެޓޭ) އީޓީ އާ ވާހަކަ ދައްކަމުން ބުނީ ކޮންމެ އަހަރަކު ވެސް ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ކުރިއަށްދާ މި މުބާރާތަށް ރިސޯޓުގެ ހުރިހާ މުވައްޒަފުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި ކުރިން ހަމައެކަނި އެފް އެން ބީގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ބާއްވަމުން އައި މި މުބާރާތް މިއަހަރު ބާއްވަނީ މުޅި ރިސޯޓަށް ހުޅުވާލައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

“އެފް އެންޑް ބީ އިން އިންތިޒާމު ކުރިޔަސް އެހެން ޑިޕާޓްމަންޓް ތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އެގޮތުން އިންޖިނިއަރިން ޑިޕާޓްމަންޓާއި އެޗްއާރު ޑިޕާޓްމެންޓުން ލިބޭ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ،”

މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު އެ ރިސޯޓްގައި ވަނީ ގައުމީ ޓީމަށް ކުޅޭ ގިނަ ކުޅުންތެރިނާއެކު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފަ އެވެ. މި މެޗުގައި ޓީސީގެ ކޯޗް ނިޒާމުބެ ވެސް ވަނީ ކުޅެފަ އެވެ.

އެފްއެންޑްބީ މުބާރާތް ފެށުމުގެ ގޮތުން ކުޅުނު އެކުވެރި ކަމުގެ މެޗުގައި ވާދަކުރި ދެ ޓީމު.

މިއަހަރު މި މުބާރާތުގައިވެސް އެކި ދާއިރާތަކުން 4 ޓީމު ވާދަކުރެ އެވެ. އެއީ މެންޗެސްޓާ ޔުނިއިޓެޑް އާއި ޗެލްސީ އާއި ބާސަލޯނާ އަދި ރިއަލް މެޑްރިޑް އެވެ.

މުބާރާތް ހުލުވާ މެޗުގައި މިރޭ ކުލޭނީ ބާސަލޯނާ އާއި ޗެލްސީ އެވެ. ދެވަނަ މެޗުގައި މެންޗެސްޓާ އާއި ދެކޮޅަސް ނުކުންނާނީ ރިއަލް މެޑްރިޑް އެވެ.

މި މުބާރާތުގެ މަގުސަދަކީ އެފް އެންޑް ބީ މުވައްޒަފުންނަކީ ކެއްކުމާއި ކާންދިނުމުގެ އިތުރުން އިޖުތިމާއި ގިނަ ހަރަކާތްތަކުގައި ޝާމިލުވެ، އެއްބައިވަންތަކަމާ އެއް ރޫހެއްގައި އެކުގައި މަސައްކަތްކުރާ ބަޔަކަށް ހެދުމެވެ.

މިއީ ސޮނެވާފުށީން މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.