ބ. އަތޮޅުގެ ތިން ރަށެއްގައި ނަރުދަމާ ގާއިމްކުރަން ހަވާލުކޮށްފި

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ބ. އަތޮޅުގައި ނަރުދަމާ އަޅައިދޭން ވައުދުވެވަޑައިގެންނެވި ދެ ރަށެއްގައި ނަރުދަމާ ގާއިމުކުރަން ފެނަކަ ކޯޕަރޭޝަނުން ސްރީ ލަންކާގެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ މިދިޔަ ހަފްތާ ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިއަތޮޅު ގޮއިދޫއަށާއި މާޅޮހަށް ވަޑައިގެން ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަށްތައް ތަރައްގީ ކުރަމުންދާއިރު ގޮއިދޫ އާއި މާޅޮހުގައި ބޯފެނާއި ނަރުދަމާއަކީ އެ ލިސްޓުގައި ހިމަނައިގެން ކުރިއަށް ގެންދާނެ މަޝްރޫއުތައް ކަމަށެވެ.

ގޮއިދޫ އާއި މާޅޮހުގެ އިތުރުން މިއަތޮޅު ކަމަދޫގައި ވެސް ނަރުދަމާ ގާއިމުކުރަން އިއްޔެވަނީ ލަންކާގެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުގެ ދަށުން މިއަތޮޅުގެ މި ތިން ރަށާއެކު ރާއްޖޭގެ 20 ރަށެއްގައި ނަރުދަމާ ގާއިމުކުރަން ހަމަޖެއްސީ ދޮޅު އަހަރުގެ ތެރޭގައެވެ.

މި އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާނެވެ. ލަންކާގެ ހޭކާބް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ރަޖިތާ ކަރިއަ ވަސްނާ އެވެ.

ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށް ބުނެ، ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މިނިސްޓަރު ތޯރިގް ވިދާޅުވީ ރަށްތަކުގައި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް ނޫން ކަމަށެވެ.

” އެ މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދަނީ އިހުލާސްތެރިކަމާއެކު، ރައްޔިތުންނަށް އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށް،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.