އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ސޮނެވާފުށި ރިސޯޓްގެ މައްޗަށް 3-1 އިން ކުރިހޯދައި ދުސިތު ތާނީ މޯލްޑިވްސް މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
މި ގްރޫޕްގެ ފުރަތަމަ މެޗުން ޑުސިޓް ވަނީ 2-1 އިން އަމިއްލަ ފުށި އަތުން މޮޅުވެފަ އެވެ. އެ ޓީމު މިއަދު ސޮނެވާފުށި އަތުން މޮޅުވުމުން ގްރޫޕްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ލިބުނު 6 ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ފަހު މެޗުން ވައްކަރު އަތުން އެއްވަރު ވިޔަސް ސެމީގެ ޖާގަ ޔަގީންވާނެ އެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގައި ޑުސިޓްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މުހައްމަދު ފާސިރު (ފާއްޓެ) އެވެ. ދުސިތުގެ އަނެއް ލަނޑު ޖެހީ އިސްމާއިލް ރަޝީދު އެވެ. ސޮނެވާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަބްދުލް މަޖީދު (މަޖިއްޓެ) އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފިނޮޅު ރިސޯޓާއި އަނަންތަރާ ކިހަވައް ވިލާސް އެވެ.