އޭދަފުށީގައި މިހާރު ކުރިއަށްދާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފިނޮޅު ރިސޯޓާއި އަނަންތަރާ ކިހަވައް ވިލާސްއަށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު 4 ޕޮއިންޓާ އެކު މި ދެ ޓީމު އެއް ވަނައިގައި އޮތްއިރު މިއަދުގެ މެޗުން މޮޅުވި ނަމަ، ސެމީ ފައިނަލުން ފުރުސަތު ބޮޑުވީހެވެ.
މިމެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ދެ ޓީމުން ވެސް ހޯދި ނަމަވެސް އެއިން ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވި އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފިނޮޅު ރިސޯޓުގެ ސާމީ އިބްރާހީމް އެވެ.
މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އޭ ގެ މެޗެކެވެ. މާދަމާ ހަވީރު 16:15 ގައި ފަށާ މި މެޗުގައި އަމިއްލަ ފުށި ނުކުންނާނީ ވައްކަރު މޯލްޑިވްސް އާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެ، މި ދެ ޓީމަށް ވެސް އަދި ޕޮއިންޓެއް ނުލިބެ އެވެ.