ނާވައިދޫ ކޮޅަށް ހަތް ލަނޑު ޖަހައި އޭދަފުށި ސެމީ އަށް

މުޅިރާއްޖެ އަށް ހުޅުވާލައިގެން ކުރިޔަށްގެންދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލުގައި ރޭ 7-3 އިން ހދ.ނާވައިދޫ ބަލިކޮށް އޭދަފުށި މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އޭދަފުއްޓަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިން (ސައްޓު) އެވެ. ސައްޓު ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް އޭދަފުށީގެ އަހުމަދު އަޝްރަފް (ސޮބީ) ވަނީ އިތުރު ލަނޑެއް އޭދަފުއްޓަށް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފަ އެވެ.

ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ނާވައިދޫގެ އަހުމަދު ނާޝިދު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި މެޗުގައި އޭދަފުށި ޓީމުން ކާމިޔާބުކުރި ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި އިޝާން އިބްރާހިމް (ސައްޓު)އެވެ. ސައްޓު ވަނީ މި މެޗުގައި ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. އަދި މީގެ އިތުރުންވެސް ލަނޑު ޖަހާނެ އިތުރު ހުސް ފުރުސަތުތަކެއް ސައްޓުއަށް ލިބުނުނަމަވެސް ގޯލުގެ ތެރެއަށް ވައްދާލެވޭގޮތް ވަނީ ނުވެފައެވެ.

މި މެޗުގައި ނާވައިދޫން ކާމިޔާބުކުރި ދެވަނަ ލަނޑާއި ތިން ވަނަ ލަނޑަކީ ފަސް ފައުލް ހަމަވެގެން ލިބުނު ޕެނަލްޓީތަކުގައި ކާމިޔާބުކުރި ލަނޑުތަކެކެވެ. މި ލަނޑުތަށް އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަސްލަމް އަދި އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އަހުމަދު ނާޝިދުއެވެ. މި މެޗުގައި ފަސް ފައުލް ހަމަވެގެން އޭދަފުއްޓަށްވެސް ވަނީ ދެ ޕެނަލްޓީއެއް ލިބިފައެވެ.

އެގޮތުން ފުރަތަމަ ޕެނަލްޓީ އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ އަހުމަދު އަޝްރަފް (ސޮބީ)އެވެ. ސޮބީ ވަނީ މި ލަނޑުގެ އިތުރުން އަދި އެއްލަނޑު ޖަހާ މި މެޗުގައި ހެޓްރިކް ވެސް ހަދާފައެވެ. މެޗުގައި އޭދަފުށިން ކާމިޔާބުކުރި ހަތް ވަނަ ލަނޑަކީ، މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކުޅެން ނުކުތް ހަމްދާން އަބްދުއް ސައްތާރަށް ނާވައިދޫ ކުޅުންތެރިން ފައުލްކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އޭދަފުއްޓަށް ކާމިޔާބުކޮށްދިނީވެސް ހަމްދާން އަބްދުއްސައްތާރެވެ.

އޭދަފުށިން ވަނީ ދެހާސް ސާދަ ވަނަ އަހަރުއޮތް ހާފް އައިލެންޑް ކަޕްގެ ފައިނަލުގައި ނާވައިދޫ ބަލިކޮށް އެ މުބާރާތުގެ ޗެންޕިއަންކަންވެސް މީގެ ކުރިން ހޯދާފައެވެ. މި ނަތީޖާއާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލުގައި އޭދަފުށި ނުކުންނަން ޖެހޭނީ މާލޭ މާފަންނު ޓީމާ ދެކޮޅަށެވެ. ސެމީ ފައިނަލުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 9:00 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.