ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-3 އިން އެންމެފަހުގެ ޗެމްޕިއަން ދުސިތު ތާނީ މޯލްޑިވްސް ބަލިކޮށް އަނަންތަރާ ކިހަވައް ވިލާސް އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނެވެ.
ޕެނަލްޓީން ދުސިތުގެ ހަ ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބު ކުރެވުނުއިރު، އަނަންތަރާ މޮޅުވީ ހަ ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.
މިއީ މި މުބާރާތުގައި ދުސިތު ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމުން ގްރޫޕް ސްޓޭޖް ނިންމާލީ މެޗަކުން ބަލިނުވެ އެވެ.
ފައިނަލުގައި އަނަންތަރާ ކުޅޭނީ ދެވަނަ ސެމީގައި މާދަމާ ސޮނެވާ އާއި ފިނޮޅު ރިސޯޓް ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.