ޕެނަލްޓީ ޖަހައިގެން މާފަންނު އަތުން ބަލިވެ އޭދަފުށި ކަޓައިފި

އޭދަފުށީ ޓީމް

މާލޭގައި މިހާރު ކުރިޔަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލު މެޗުން މާފަންނު އަތުން ޕެނަލްޓީ ޖަހައިގެން 6-5 އިން ބަލިވެ، އޭދަފުށި މުބާރާތުން ކަޓައިފި އެވެ.

ރޭ މާފަންނާއި އޭދަފުށި ބައްދަލުކުރި ސެމީފައިނަލުގެ ދެވަނަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރުވީ 3-3 އިންނެވެ. މިއީ އޭދަފުށި މި މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި މާފަންނު ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު އިމްރާން (އިންމި) އާއި ޙުސައިން އަފްސަލް އެވެ. ފުރަތަމަ ހާފުގައި އޭދަފުށިން ފޮނުވާލި ގިނަ ހަމަލާތައް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފުގައި މޮޅަށް ކުޅެ އޭދަފުށީ ޓީމުން ވަނީ މާފަންނުގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ދެވަނަ ހާފުގައި އޭދަފުށިން ޖެހި ތިން ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު އަޝްރަފް އެވެ. އޭދަފުށިން ކުރިއަށް ޖެހިގެން ކުޅެން ފެށުމުން މާފަންނު ޓީމަށް އެޓީމު ހުއްޓުވަން އުނދަގޫވި އެވެ. ނަތީޖާއެއްގެ ގޮތުން ފުލުފުލުގައި ދެ ލަނޑު ޖަހައި އޭދަފުށިން މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ. ދެ ލަނޑަށް ފަހުވެސް އޭދަފުށިން ވަނީ މާފަންނު ޓީމުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގައި ފަހަތުން އަރާ އޭދަފުށި ލީޑު ނެގި ލަނޑު އަހުމަދު އަޝްރަފް ޖެހީ ގޯލް އޭރިޔާތެރޭ ހުހަށް ހުރެއެވެ. އެއަށްފަހު މެޗުގައި ގިނަ ފައުލްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ދެޓީމުންވެސް ފަސް ފައުލް ހަމަވެފައިވަނިކޮށް އޭދަފުށިން ކުރި ފައުލަކަށް މާފަންނު ޓީމަށް ރެފްރީ ވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޕެނަލްޓީއެއް ދީފައެވެ. އެޓީމަށް ލިބުނު ޕެނަލްޓީ މުޙައްމަދު އިމްރާން (އިންމި) ކާމިޔާބު ކުރުމުން މެޗު ނިމުނީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ. މެޗު ނިމެން ދަނިކޮށް އޭދަފުށީގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން އެޓީމުންވެސް ވަރަށް ބޮޑަށް ޕެނަލްޓީއަކަށް އެޕީލް ކުރިއެވެ. އޭދަފުށީގެ ބެންޗުން އެޕީލް ކުރި ނަމަވެސް އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމައި އެޓީމުގެ ބެންޗުގައި އިން ފައުޒާން ހަބީބަށް ރެފްރީ ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

ޕެނަލްޓީގައި މާފަންނު ޓީމުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ.

އޭދަފުށީ ޓީމުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. އޭދަފުށީގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ އަފުއަލް ހަމީދާއި އަބްދުﷲ ޒައީމެވެ. މެޗުގައި އޭދަފުށިން ޖެހި ފަހު ދެ ޕެނަލްޓީވެސް މާފަންނު ޓީމުގެ ހުސައިން ނާސިހް ވަނީ ހިފަހައްޓާފައެވެ. އޭދަފުށީގެ ފަހު ދެ ޕެނަލްޓީ ޖެހީ ހައްފާފް ސިދުގީ އާއި ހައިޝަމް ޙަސަން އެވެ.

ރޭ ކުޅުނު ފުރަތަމަ ސެމީގައި ގަން ޓީމު ފައިނަލަށް ދިޔައީ ޕެނަލްޓީ ޖަހައިގެން 5-3 އިން ތ. ތިމަރަފުށި ބަލިކޮށްގެންނެވެ.

މި މޮޅާއެކު ލ. ގަމާއި މާފަންނު ވާދަކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.