ވެލާ ސިޓީ – ސައިނޯސާ މެޗުން މާދަމާ ހަވީރު ބޮޑު އީދު މުބާރާތް ފަށަނީ

އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރެއްގެ އަޞްހާ އީދު ބަންދުގައި އޭދަފުށީގައި ބާއްވަމުން އަންނަ “ފްރެންޑްލީ ޔޫތް ކަޕް” ފުޓްބޯޅަ މުބާރާތް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

އެގޮތުން މުބާރާތް ހުޅުވައިދޭ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އެންމެ ފަހުގެ ރަނަރަޕް ވެލާ ސިޓީ އާއި ސައިނޯސާ އެވެ.

އޭދަފުށި ޒުވާނުންގެ ކްލަބުގެ ސީ.އީ.އޯ މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ، މިއަހަރުގެ މުބާރާތުގައި ފަސް ޓީމެއް ބައިވެރިވެފައިވާ ކަމަށެވެ.

މި މުބާރާތުގެ ގުރުނެގުން މިއަދު ހަވީރު މާލޭ ކްލަބް 360 ގައި ވަނީ ބާއްވައިފަ އެވެ.
ބައްޓޭ ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ދެ ގްރޫޕަކަށް ޓީމުތަށް ބަހާލިނަމަވެސް މިއަހަރު އެގޮތަށް މުބާރާތް ކުރިއަށްގެންދެވެން ނެތްކަމަށެވެ.

މިއަހަރުގެ މުބާރާތުގައި އެންޖޯއި ފްރެންޑްސް ބައިވެރިނުވުމުގެ ސަބަބުން، މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އެގޮތުން މުބާރާތުގައި ބައިވެރިވި ފަސް ޓީމު ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

މުބާރާތުގައި މިފަހަރު ވާދަކުރަނީ އެންމެ ފަހުގެ ޗެންޕިއަން ހުސްސޮގުން، ވެލާ ސިޓީ، އެމް.އޭ ޔުނައިޓެޑް، ޔުނައިޓެޑް ވީ އަދި ސައިނޯސާ އެފްސީއެވެ.

މި މުބާރާތަކީ 1990 ގެ އަހަރުތަކުން ފެށިގެން އޭދަފުށީގައި ބާއްވަމުން އަންނަ ފޯރި ގަދަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ޓީމަކުންވެސް ވަނީ ރަށުން ބޭރުން ކުޅުންތެރިން ޓީމުގައި ހިމަނާފައެވެ. އެގޮތުން ގައުމީ ފުޓްބޯޅަ ޓީމުގައި ނުހިމެނޭ ފުރަތަމަ ޑިވިޝަންގެ ގިނަ ކުޅުންތެރިންތަކެއް ވަނީ މި މުބާރާތުގައި ވާދަކުރާ އެކި ޓީމުތަކަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.