
އަޟްހާ އީދު ނަމާދު، އޭދަފުށީގައި ފުރަތަމަ ފަހަރަށް ބޮޑު ޖަމާއަތުގައި ބާއްވައިފި އެވެ.
އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހެނދުނު ބޭއްވި ބޮޑު ޖަމާއަތުގެ ނަމާދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެ އީދު ނަމާދު ކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

ބޮޑު ޖަމާއަތަށް ފުޓްބޯޅަ ދަނޑު ރޭ ތައްޔާރުކުރަމުން ދިޔައިރު މިކަން އިންތިޒާމުކުރި ފޭލި ޖަމިއްޔާއިން ބުނީ އެ ސަރަހައްދު ތައްޔާރުކުރީ 1500 އެއްހާ މީހުންނަށް އަމާޒު ކޮށްގެން ކަމަށެވެ. ނަމަވެސް މިއަދުގެ ބޮޑު ޖަމާއަތަށް 2000 އަށްވުރެ ގިނަ މީހުން ހާޒިރުވި ކަމަށް ފޭލިން ބުންޏެވެ.
“އަޅުގަނޑުމެން އެސްޓިމޭޓްކުރި އަދަދަށްވުރެ ގިނަ ބަޔަކު ހާޒިރުވެއްޖެ، މުޅި ސަރަހައްދު ފުރިފައި އިތުރަށް ވެސް ޖާގަ ހަމަޖައްސަން ޖެހުނު،”


މިއީ މި ޖަމިއްޔާގެ މެންބަރުންނާއި ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކުގެ ބުރަ މަސައްކަތް، މިކަމުގައި އެހީތެރިވެ ދެއްވި ފަރާތްތަކަށް ހުރިހާ ޝުކުރެއްވެސް ހައްގު، ހާއްސްކޮށް ރަށު ކައުންސިލާއި އޭދަފުށީ ޕޮލިސް ސްޓޭޝަން، އުންމީދަކީ މިކަން ދެން ފަހަރަކުވެސް ތަކުރާރުވެގެން ދިޔުން،” ފޭލި ޖަމިއްޔާގެ އޮފިޝަލު ވިދާޅުވި އެވެ.
އޭދަފުށީގައި ބޮޑު ޖަމާއަތުގައި އިމާމުވެވަޑައިގެން އީދު ނަމާދު ކުރެއްވީ އައްޝައިޚް އަބްދުލްމަޖީދު މުޙައްމަދު އެވެ.

މިއަދުގެ އީދު ނަމާދުގެ ހުތުބާގައި އިސްލާމީ ތާރީހުން އީދު ފާހަގަ ކުރާ ސަބަބުތަކާއި އޭގެ މުހިންމުކަމުގެ މައްޗައް އަލިއަޅުވާލައިފަ އެވެ. އަދި އޭގެން މިހާރު ލިބިގަންނަން ޖެހޭ ފިލާވަޅުތައް ވެސް ވަނީ ހަނދާކޮށްދީފަ އެވެ.
ހުތުބާއަށް ފަހު އެކަކު އަނެކަކާ އީދު ސަލާމްކޮށް ހެދި އެވެ.
