
ބ. އަތޮޅަށް ބޭނުންވާ ވަރަށް ބޭކަރީގެ އުފެއްދުންތައް ތައްޔާރު ކުރެވޭ ފެންވަރުގައި އާ ބޭކަރީއެއް އޭދަފުށީގައި މިއަދު ހުޅުވައިފި އެވެ.
މިރަށު ދޭދަރުގޭގައި ކުރިން ކިރިލި ފިހާރަ ހިންގި ތަނުގައި “ތްރީ އެން ބޭކާސް ޝޮޕް”ގެ ނަމުގައި ހުޅުވި މި ބޭކަރީން މައިގަނޑު ގޮތެއްގައި އަދި އުފައްދަނީ ޕާނާއި ބަނަހުގެ ވައްތަރުތަކެވެ. ނަމަވެސް ކައިރި މުސްތަގުބަލެއްގައި ޕިއްޒާ ފުއްގަނޑު ފަދަ ތަކެތި ވެސް ތައްޔާރުކޮށްދޭނެ ކަމަށް ތްރީ އެން ބޭކާސް އިން ވާހަކަ ދެއްކި ޔޫސުފް މޫސާ ބުންޏެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ފިހާރަ އިން ހުރިހާ އެއްޗެއް ވެސް ވިއްކަނީ އަތްފޯރާ އަގެއްގަ އެވެ.
އޭނާ ބުނިގޮތުގައި މި ބޭކަރީގެ އަމާޒަކީ ބޭކަރީ އަކުންދެވޭ ހުރިހާ ޚިދުމަތެއް ކޮލިޓީއާ އެކު މުޅި އަތޮޅަށް ބޭނުންވާ ވަރަށް ފޯރުކޮށްދިނުމެވެ. އެގޮތުން އަވަސް މުސްތަގްބަލެއްގައި އެ ބޭކަރީން ޕޭސްޓްރީގެ އުފެއްދުންތައް ވެސް ބާޒާރަށް ނެރޭނެކަމަށް އޭނާ ބުންޏެވެ.
އޭދަފުށީގައި އާ ބޭކަރީއެއް މިއަދު ހުޅުވިއިރު، ފުޅާ ދާއިރާއެއްގައި ޑޭޒީ ބޭކަރީ ގެ ނަމުގައިވެސް މިރަށުގައި އަންނަނީ ބޭކަރީއެއް ހިންގަމުންނެވެ.
