ވެލާ ސިޓީން ފްރެންޑްލީ ޔޫތު ކަޕް ކާމިޔާބުކޮށްފި

ވެލާ ސިޓީއަށް ޗެމްޕިއަން ޓްރޮފީ ހަވާލުކޮށްދެނީ

ޕެނަލްޓީ ޖަހައިގެން 4-2 އިން ސައިނޯސާ ބަލިކޮށް ފްރެންޑްލީ ޔޫތު ކަޕްގެ ޗެމްޕިއަންކަން ވެލާ ސިޓީން ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވައިރު، ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ކުރިއަށް ގެންދިޔަ ޕެނަލްޓީ ޝޫޓް އައުޓްގައި ވެލާ ސިޓީން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއިރު ސައިނޯސާއިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމުހޯދި މުހައްމަދު އިމްރާން އަދި ޝާފިއު އަހުމަދު ޖެހި ޕެނަލްޓީ ވަނީ ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ މުބާރާތުގެ އެންމެމޮޅު ޑިފެންޑަރަކަށް ހޮވުނު ވެލާސިޓީގެ އަބްދުﷲ ޒުބައިރަށެވެ. އެންމެ މޮޅު ފޯވާޑްގެ މަޤާމް ލިބުނީ މުބާރާޓުގައި އެންމެގިނަ ލަނޑުޖެހި ސައިނޯސާގެ އިބްރާހިމް މާޖިދަށެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ ވެލާ ސިޓީގެ ޝާހީ މޫސާ އެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސައިނޯސާގެ ހައިޝަމް ހަސަންއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެލާ ސިޓީގެ ކޯޗް ފަރުހާދު އަބްދުއްރަހްމާން (ފަރޭ) އެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް ބައިލައްކަ ރުފިޔާގެ ރަމްޒީ ޗެކް ދިން އިރު، ރަނަރަޕް ޓީމަށް ވަނީ 20،000 ރުފިޔާ ރަމްޒީ ޗެކެއް ދީފައެވެ.

މި މުބާރާތަކީ އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމްކޮންގެން ކޮންމެ އަހަރުކުވެސް ބޮޑު އީދު ބަންދުގައި އޭދަފުށީގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި މިއަހަރު ފަސް ޓީމު ވާދަކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.