ޗެމްޕިއަން ޓްރޮފީ ކުޅުންތެރިންގެ އުފަން ރަށަށް ގެންދާނެ: ބައްސާމު

ހަމްޕު އާއި ސެންޓޭ ޗެމްޕިއަން ތްރޮފީއާއެކު– ފޮޓޯ/އިމޭޖަސް ޑޮޓްއެމްވީ

ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންގެ އުފަން ރަށަށް އެ ކުޅުންތެރިންނާއެކު ތަށި ގެންދާނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މިފަހަރު ވެސް ތަށި ހޯދި ރާއްޖޭގެ ގައުމީ ޓީމުގައި އޭދަފުއްތަށް އުފަން ދެ ކުޅުންތެރިން ހިމެނެ އެވެ. އަދި ތަށި ލިބުމުގައި މިދެކުޅުންތެރިންގެ ހިއްސާ ބޮޑުކަން ފާހަކަކޮށްލެވެ އެވެ. އެގޮތުން ރާއްޖޭގެ ދެ ވަނަ ގޯލް ފަހު ހާފުގައި ކައުންޓާ އެޓޭކެއްގައި ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. ހަމްޕު ދިން ބޯޅަ އަށް މުޅިން ހުހަށް އަރައި ސެންޓޭ މި ގޯލް ޖެހީ ކުރިއަށް އެރި އިންޑިއާ ކީޕަރަށް އެއްވެސް ފުރުސަތު ނުދީއެވެ.

މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް އަށް ބައްސާމު ދިން ދިންޓަވިއުއެއްގައި ވިދާޅުވީ އެ ކުޅުންތެރިންގެ އުފަން ރަށަށް މި ތަށި ގެންދިއުމަކީ އެ ކުޅުންތެރިންވެސް ދެކޭނެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި އަދި މިއީ ކުރިއަށް އޮތް ތަނުގައި ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށްވެސް ވާނެ ކަމަށެވެ.

“ރާއްޖޭގެ ގައުމީ ޓީމަކީ ވަރަށް ގައުމީ ވަންތަ ގައުމީ ޓީމެއް. ޓީމުގައި މިތިބީ ވަރަށް ގިނަ ރަށްތަކުގެ ކުޅުންތެރިން. އެހެންވީމަ މި ކުޅުންތެރިންގެ ހުރިހާ ރަށަކަށް އަޅުގަނޑު ވަރަށް ބޭނުން ޓީމުގެ ތަށި ގެންދަން. އިރާދަކުރެއްވިއްޔާ އެފްއޭއެމްއިން އެކަން ހަމަޖައްސާނެ.” ބައްސާމަ ވިދާޅުވި އެވެ.

“މިއީ އަޅުގަނޑު އަދި ހުރިހާ ކުޅުންތެރިންނާއި އެފްއޭއެމްގެ އިތުރުން ފުޓްބޯޅަ އާއިލާއިން ދޭ ވަރަށް ބޮޑު ހަދިޔާ އެއް،”

ބައްސާމް ވިދާޅުވީ މި ކާމިޔާބީ އަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި އެހެންކަމުން އެކަން ގަބޫލުކޮށް ފާހަގަކުރަން ޖެހޭ ކަމަށެވެ.

“ހަގީގަތުގައިވެސް މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. އެހެންވީމަ އެކަން އަޅުގަނޑުމެން އެބަޖެހޭ އެކަން ގަބޫލުކޮށް ފާހަގަކުރަން. މީގެ ހަގީގީ ހައްގުވެރިންނަކީ މި ކުޅުންތެރިން. އެ ކުޅުންތެރިންގެ އާއިލާ އާއި މައިންބަފައިން ކައިރިއަށް އެ ކުޅުންތެރިން މި ތަށި ހިފައިގެން ދިއުމަކީ އަޅުގަނޑުވެސް ދެކޭ ހުވަފެނެއް.” ބައްސާމު އާ ހަވާލާދީ އެ ވެބްސައިޓްގައި ބުނެފައިވެ އެެ.

ފައިނަލުގައި އިންޑިއާ 2-1 އިން ބަލިކޮށް ރާއްޖެ ޗެމްޕިއަންކަން ހޯދުމަކީ ސަރަހައްދީ މުބާރާތް ދެ ވަނަ ފަހަރަށް ރާއްޖެ އިން ކާމިޔާބުކުރުމެވެ. .މީގެ ކުރިން އެ މުބާރާތުގެ ތަށި ރާއްޖެ އިން އުފުލައިލީ 2008 ގައި އިންޑިއާ ބަލިކޮށްފަ އެވެ.

ބަންގްލަދޭސްގައި ބޭއްވި މުބާރާތުގެ ތަށި ހިފައިގެން ރާއްޖޭގެ ގައުމީ ޓީމު އެނބުރި މާދަމާ ރާއްޖެ އަންނާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.